ޚަބަރު

މަސްވެރިންގެ ދުވަސް - މިއަހަރުވެސް ގިނަ ހަރަކާތްތަކެއް


39 ވަނަ މަސްވެރިންގެ ދުވަސް މިއަދު ރާއްޖޭގައި ފާހަގަކުރަމުންދާއިރު، މަސްވެރިންގެ ދުވަހުގެ ގޮތުގައި ޚާއްޞަ ދުވަހެއް ސަރުކާރުން ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމަޢުގައި މަސްވެރިން އަދާކުރާ ދައުރާއި، މަސްވެރިން ކުރާ ބުރަ އަދި އަގުހުރި މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމެވެ.

ރާއްޖޭގައި މަސްވެރިންގެ ދުވަހެއްގެ ގޮތުގައި ޚާއްސަ ދުވަހެއް ފާހަގަކުރަން ފެށީ 1981 ވަނަ އަހަރުން ފެށިގެންނެވެ. 1981 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރާ ހަމައަށް މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔައީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހެވެ. އަދި 2010 ވަނަ އަހަރުން ފެށިގެން މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން ދިޔައީ އޮކްޓޫބަރުމަހުގެ 16 ވަނަ ދުވަހެވެ. މަސްވެރިންގެ ދުވަހަކީ ޑިސެމްބަރުމަހުގެ 10 ވަނަ ދުވަހުގެ ގޮތުގައި އަލުން ފާހަގަކުރަން ފެށީ 2013 ވަނަ އަހަރުން ފެށިގެނެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ރާވާފައިވަނީ ދުވަހުގެ ހަރަކާތްތަކުގައި އެންމެނަށްވެސް ޝާމިލްވެވޭނެފަދަ ގޮތަކަށެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ސަރުކާރުން ފަށާފައިވަނީ މިމަހުގެ 6 ވަނަ ދުވަހު ބޭއްވި ޒުވާނުންގެ ދޮށީގެ މަސްވެރިކަމުގެ މަސްދަތުރުންނެވެ. ބޭންކް އޮފް މޯލްޑިވްސްއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ބޭއްވި މި ދަތުރުގައި ސާޅީހާ ގާތްކުރާ ޢަދަދަކަށް ޒުވާނުން ބައިވެރިވެފައިވެއެވެ. މިއީ ޒުވާނުންނަށް މަސްވެރިކަން ކުރާ ގޮތް ދައްކާ މިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި ދަތުރެކެވެ.

ޒުވާނުންގެ މަސްދަތުރަށްފަހު މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށް ފިޝަރީޒް އެކްސްޕޯއެއް ވަނީ ބާއްވާފައެވެ. މި އެކްސްޕޯ ބޭއްވުމުގެ މަޤްސަދަކީ މަސްވެރިކަމުގައި ކުންފުނިތަކުން ބޭނުންކުރާ އާލާތްތަކާއި އުފެއްދުންތައް އާންމުންނަށް އެއްތަނަކުން ދައްކާލައި އެ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް މަގު ފަހިކޮށްދިނުމެވެ. މި އެކްސްޕޯގައި 14 ކުންފުންޏަކުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ 15 އަތޮޅަކުން، މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ 55 ބައިވެރިން ހިމެނޭގޮތަށް މަސްވެރިންގެ ފޯރަމެއްވެސް މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޚާއްސަ ހަރަކާތެއްގެ ގޮތުގައި ވަނީ ބާއްވާފައެވެ. އޭގެތެރޭގައި މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިން ހިމެނެއެވެ. ދެ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ފޯރަމްގައި މަސްވެރިކަމުގެ ސިޔާސަތުތައް ބައްޓަންކޮށް މި ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ. އެއަށްފަހު މަސްކެނޑުމުގެ މުބާރާތެއްވެސް ވަނީ ބާއްވާފައެވެ.

އަދި މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ ޚާއްސަ ޖަލްސާ މިރޭ ދަރުބާރުގޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.