ޚަބަރު

އިޤްތިޞާދުގެ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދުމުގެ ފުރުޞަތު އެބައޮތް - ރައީސް


ދިވެހިރާއްޖޭގެ އިޤްތިޞާދުގެ އެންމެ ބޮޑު ބާރަކަށް މަސްވެރިކަމުގެ ސިނާޢަތް ހެދޭނީ ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ އެންސިސްގެ މަސް ބަންދުކުރާ ކޭނިންގ ފެކްޓަރީއާއި އައިސް ޕްލާންޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހީނަރުވަމުން އަންނަ މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް މަސްވެރިކަން ހެދޭނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި، ވިޔަފާރިތައް އަތާ އަތް ގުޅާލައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން ކަމަށެވެ.

މާލެ ސަރަޙައްދުގައި ޤާއިމްކުރި ފުރަތަމަ ކޭނިން ފެކްޓްރީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ އެންމެ އިހުއްސުރެ މީގެ އަހަރުތަކެއް ކުރިއާ ޖެހެންދެން، ރާއްޖޭގެ އިޤްތިޞާދުގެ ލޭނާރުގެ ގޮތުގައި ބެލެވިފައި އޮތީ މަސްވެރިކަންކަމަށެވެ. ނަމަވެސް ފަތުރުވެރިކަމާއި، އެހެން ބައެއް ޞިނާޢަތްތައް ކުރިއަރައި، އިޤްތިޞާދީ ރޭހުގައި މަސްވެރިކަމުގެ މަޤާމު، މިހާރު ތަންކޮޅެއް ފަހަތަށް ސޮއްސާލާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ޙާލަތު މަސްވެރިކަމަށް ދިމާވި މައިގަނޑު ސަބަބަކީ، މަސްވެރިކަން ފުޅާވެ ކުރިއަރައިގެންދިޔަ މިންވަރާ ގާތަށްވެސް، މަސްވެރިކަމުގެ ޞިނާޢަތްތައް ކުރިއަރުވަން މަސައްކަތް ނުކުރެވުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މަސްވެރިން ބާނާ ހުރިހާ މަހެއް ގަތުމުގެ ޤާބިލުކަން، ސަރުކާރާއި އަމިއްލަ ކުންފުނިތަކުގައި ނެތުމާއި، އަގު އެއްކުރެވިގެން މަހުގެ އުފެއްދުންތައް ބާޒާރަށް ނެރުމުގެ ޤާބިލުކަންވެސް ނެތުމަކީ މަސްވެރިކަމުގެ ސިނާއަތް ފަހަތަށް ޖެހުނު ސަބަބެއްކަމަށެވެ.

"ނަމަވެސް އަޅުގަނޑުމެންގެ ކަނޑުތަކުގައި މަސްވެރިކަން އާލާވެފައިވާ ގޮތާއި، ދިވެހިން މަސްވެރިކަން ކުރާގޮތަށް ބަލާއިރު، މަސްވެރިކަމުގެ ރަން ޒަމާން އަނބުރާ އިޢާދަކުރެވޭނެކަމާމެދު އެއްވެސް ޝައްކެއްނެތް. މަސްވެރިކަމުގެ ޞިނާޢަތް ފުޅާކޮށް، މަސް ގަނެ، މަހުގެ އުފެއްދުންތެރިކަން އިތުރުކުރުމުގެ ޤާބިލުކަން ބިނާކުރެވިއްޖެނަމަ، ރާއްޖޭގެ އިޤްތިޞާދީ އެންމެ ބޮޑު ބާރަކަށް ވެގެންދާނީ މަސްވެރިކަން. މިއީ ނުކުރެވޭވަރުގެ ކަމެއް ނޫން. ނަމަވެސް މިއީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން. މި މަޤްޞަދު ޙާޞިލުވާނީ، ސަރުކާރާއި މަސްވެރިކަމުގެ އަމިއްލަ ކުންފުނިތަކާއި ވިޔަފާރިތައް، އަތާ އަތް ގުޅައި، އެއް މިސްރާބަކަށް އަމާޒު ހިފައިގެން." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޭނިން ފެކްޓްރީ އާއި އައިސްޕްލާންޓް ތަރައްޤީކުރި ރާއްޖޭގެ އެންސިސް ފިޝަރީޒް ކުންފުންޏަކީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއްކަން ފާހަގަކުރައްވާ، އެކަމަށް ތަޢުރީފްކުރެއްވިއެވެ.

ރައީސް ވިދާޅުވީ، އެންސިސްއިން މާލެ ސަރަހައްދުގައި އެންމެ ބޮޑު މަސްފެކްޓްރީ ހުޅުވުމުން ފެނިގެންދަނީ އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން އިންވެސްޓް ކުރުމުގެ ފޮނި ނަތީޖާކަމަށެވެ. އަދި އެންސިސް އިން ޤާއިމުކުރި 25 މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓުން ދޭހަކޮށްދެނީ، މަސްވެރިކަމުގެ ޞިނާޢަތަކީވެސް، ރަނގަޅު ރޭވުންތަކަކާއެކު އިންވެސްޓްކޮށްފިނަމަ ރަނގަޅު ފައިދާއާއި ނަފާ ހޯދޭނެ ޞިނާޢަތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"އެންމެ އިހުއްސުރެ ދިވެހިންނަކީ ކަނޑު ރޯދިން، ބަނޑުފުރާނަ މުއްތިކުރަމުން އައި ބައެއް. މަސްވެރިކަން ނުކުރާ އަތޮޅެއް، މަސްވެރިން ނެތް ރަށެއް، މަސްވެރިޔަކު ނެތް ޢާއިލާއެއް، މި ރާއްޖެއަކު ނެތް. ނަމަވެސް ހިތާމައަކީ، ކިތަންމެ ގިނައިން މަސް ބޭނިޔަސް، ބާނާ މަހުގެ ވަރަށް ބޮޑު ބައެއް، ނުއަގުގައި ވިއްކަން ޖެހުން. ބާނާ މަހުގެ ދެބައިކުޅައެއްބައިވެސް، އޭގެ އަގު އެއްކުރެވިގެން ވިއްކޭނެ ގޮތަށް އުފެއްދުންތައް ތައްޔާރުނުކުރެވޭތީ، ރޯ މަހުގެ ގޮތުގައި އެކްސްޕޯޓް ކުރަންޖެހުމަކީ، އިޤްތިޞާދީ ވަރަށް ބޮޑު ގެއްލުމެއް." ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި މިކަންކަން ޙައްލުކޮށް، ދިވެހި ކަނޑުމަހަށް ރަނގަޅު އަގު ލިބޭނެ އިންތިޒާމުތައް ހަމަޖައްސައިގެން ނޫނީ، މަސްވެރިކަމުން ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ލިބެންޖެހޭ ޙަޤީޤީ ފައިދާއެއް ނުލިބޭނެ ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ކަނޑު މަހަށް ރަނގަޅު އަގު ލިބިގެން މިދަނީ، ދަޅުގައި ބަންދުކޮށްގެން ނުވަތަ ވެލިއު އެޑްކޮށް ޕްރޮސެސްކޮށް އެކްސްޕޯޓް ކޮށްގެންކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ މަސްވެރިން ބާނާ މަހަށް ދުނިޔޭގެ އެކި މާކެޓްތަކުން ރަނގަޅު އަގުތައް ހޯދުމަށް ސަރުކާރާއި އަމިއްލަ ކުންފުނިތައް ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށެވެ. އަދި އެކަމަށްޓަކައި މަސްވެރި ކުންފުނިތަކަށް ސަރުކާރުން ދެއްވަންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަން ރައީސް އެރުވިއެވެ.

އެންސިސްގެ ހުޅުމާލޭގައި ޤާއިމްކުރި ދަޅުގައި މަސްބަންދުކުރާ ކާރުޚާނާއަކީ މާލެ ސަރަޙައްދުގައި ހުޅުވި މިފަދަ ފުރަތަމަ ކާރުޚާނާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އަމިއްލަ ކުންފުނިތައް މިފަދަ ބޮޑެތި ޞިނާޢަތްތަކަށް ވަނުމަކީ ވަރަށް ބޮޑެތި އިޤްތިޞާދީ ފައިދާތައް ލިބޭނެ ކަމެއްކަމަށެވެ. އަދި މިފަދަ ކޮންމެ މަސައްކަތެއްގެ ސަބަބުން، ވަޒީފާގެ އެތައް ފުރުޞަތުތަކެއް ތަނަވަސްވާކަމަށް ރައީސް ވިދާޅުވިއެވެ.