ޚަބަރު

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 16 ވާ ހޯމަދުވަހުގެ ނިޔަލަށްކަމަށެވެ.

ބްރޯޑްކޮމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞާތު ހުޅުވާލާފައިމިވަނީ އެ ކޮމިޝަނުގެ ނާއިބު ރައީސްގެ މަޤާމުގައި ހުންނެވި ފާޠިމަތު ޒައިނާގެ އިތުބާރުނެތްކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން އެ މަޤާމު ހުސްވެފައިވާތީއެވެ. މީގެ ކުރިންވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލިއެވެ. ނަމަވެސް އެފަހަރު އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި ތިން ބޭފުޅެއްގެ ނަން މަޖިލީހަށް ފޮނުއްވިއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ނަމެއް މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ.

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެންބަރުކަމުން އިސްމާޢިލް ޞަފްވާނާއި، ޙަސަން ނަބާހުއާއި މުޙައްމަދު ޝަހީބް އިސްތިއުފާދެއްވުމުން އެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަޖިލީހުން ވަނީ ތިން ބޭފުޅަކު ޢައްޔަންކުރުމަށް ފާސްކޮށްފައެވެ.

އެއީ ގަލޮޅު ހިލްމަން، މަރިޔަމް ވަޙީދާއާއި ހުވަދުއަތޮޅު ދެކުނުބުރި ތިނަދޫ، ސަނީޑޭލް، އަޙްމަދު ޤައިޞް އާއި ފާދިއްޕޮޅު ހިންނަވަރު ބާރަނާ، ޢަލީ ޔޫސުފްއެވެ. މިބޭފުޅުންގެ ތެރެއިން މަރިޔަމް ވަހީދާއަކީ ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މިހާރުގެ ރައިސާއެވެ. އަދި ޤައިސް އަކީ އެ ކޮމިޝަންގެ ނާއިބު ރައީސްއެވެ.