ޚަބަރު

ޑރ.މުޢިއްޒުގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގަން އޭޖީން ފުލުހުންނަށް ހުށައަޅައިފި


ނޫމަޑި ކުންފުންޏަށް ދައުލަތުން ބަދަލު ދޭންޖެހުނީ ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ޢަމަލުކުރެއްވި ގޮތުންކަމަށް ތުހުމަތުކޮށް އޭނާގެ މައްޗަށް ޖިނާޢީ ތަޙްޤީޤެއް ހިންގަން ބަންޑާރަ ނާއިބުގެ އޮފީހުން ފުލުހަށް ހުށައަޅައިފިއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާބިޓްރޭޝަން މައްސަލައިގައި ކުރީގެ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ޢަމަލުކުރެއްވި ގޮތާ ގުޅިގެން ޖިނާއީ ތަޙްޤީޤެއް ހިންގަވައި ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި މިއަދު އެދިފައިވާކަމަށެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ނެރުނު ނޫސްބަޔާނުގައި، ނޫމަޑީގެ ފަރާތުން ދިވެހި ސަރުކާރާ ދެކޮޅަށް ހެއްކެއްގެ ގޮތުގައި ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅައި، ސަރުކާރާ ދެކޮޅަށް އާބިޓްރޭޝަންގައި އޭނާ ބަޔާން ދެއްވާފައިވާއިރު، ވަޒީރުކަމުގައި އޭނާ އެ މައްސަލާގައި ދައުލަތް ދިފާޢު ކުރައްވާފައިވާކަމަށް ވިދާޅުވެފައިވެއެވެ.

އެގޮތުން ނޫމަޑީގެ މައްސަލަ 11 ޑިސެންބަރު 2017ގައި އާބިޓްރޭޝަނަށް ހުށަހެޅުމުން ދައުލަތުން އެ މައްސަލާގައި ކުރިއަށްދާނެ ގޮތާއި ދިފާއުތަކާ ގުޅޭގޮތުން މަޝްވަރާކޮށް، ނިންމުންތައް ނިންމާފައި ވަނީ މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ހައިސިއްޔަތުން މުޢިއްޒުގެ ބައިވެރިިވުމާއެކުކަމަށްވެސް ބަޔާނުގައިވެއެވެ.

ވަޒީރުކަމުގެ މަޤާމުން ވަކިވެވަޑައިގަންނަވަދެން، އެ މައްސަލަ ރައްދުވާ މިނިސްޓްރީގެ އެންމެ އިސްވެރިޔާގެ ޙައިސިއްޔަތުން މުޢިއްޒުގެ ދައުރެއް އާބިޓްރޭޝަން މައްސަލަތަކުގައި އޮތްކަމަށްވެސް މި ބަޔާނުގައި ވަނީ ފަހަގަކޮށްފައެވެ.

ނަމަވެސް 17 ނޮވެންބަރު 2018 ޤާއި މިނިސްޓަރ ކަމުގެ މަޤާމުން ވަކިވެވަޑައިގަތުމަފަހު 14 ޖޫޗް 2019 ގައި
ނޫމަޑީގެ ފަރާތުން އާޓްރޭޝަނަށް ހުށަހަޅާ ހެއްކެއްގެ ގޮތުގައި މުޢިއްޒު ދެއްވި ބަޔާނުގައި ކުރިން ޢަމަލުކުރެއްވި ގޮތާއި ދިމާ އިދިކޮޅަށް ދައުލަތާ ދެކޮޅަށް ވާހަކަ ދައްކަވާފައިވާކަމަށްވެސް ތުހުމަތުކޮށްފައިވެެއެވެ.

އެގޮތުން ނޫމަޑި ފޭސް 1 އެއްބަސްވުން ބާތިލުކޮށްފައިވަނީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީނާ އަބްދުލްޤައްޔޫމް ބޭނުންވާތީ ކަމަށް ވިދާޅުވެ، އާބިޓްރޭޝަނަށް ބަޔާން ދެއްވުމަށްފަހު، އަލުން ބަޔާން ބަދަލު ކުރައްވާފައިވާކަން ފާހަގަކުރެވޭކަމަށާއި، ނޫމަޑި އެއްބަސްވުންތަކާ ގުޅޭ ނިންމުންތައް ސަރުކާރުގެ ފަރާތުން ނިންޅުމުގައި އެންމެ އިސް ދައުއް އަދާކުރެއްވި،
ޕްރޮޖެކްޓް ކުރިއަށް ގެންދިޔަ ވުޒާރާގެ އޭރުގެ ވަޒީރު ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ބަޔާން ދެއްވުން ވެގެންދިޔައީ، އާބިޓްރޭޝަންގައި ހިނގަމުންދިޔަ މައްސަލަތައް ދިފާޢު ކުރުމަށް ދައުލަތަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވިކަމަކަށްކަމަށްވެސް ވިދާޅުވެފައިވެއެވެ.

ނޫމަޑި މައްސަލާގައި މުޢިއްޒު ޢަމަލު ކުރައްވާފައިވާ ގޮތާއި އާބިޓްރޭޝަނަށް ދެއްވާފައިވާ ބަޔާނަށް ރިޢާޔަތްކޮށް، ރަސްމީ
ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވާ ކަމާއި ދައުލަތުގެ މުވައްޒަފެއްގެ ޙައިޞިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތެއް ނަހަމަގޮތެއްގައި ބޭނުންކޮއްފައިވުމާއި ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާދު ދީފައިވާކަން ނުވަތަ ނޫންކަން ތަޙްޤީކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދިފައިވާކަމަށްވެސް ބަންޑާރަ ނާއިބުގެ އޮފީހުގެ ބަޔާނުގައިވެއެވެ.

ހައުސިންގ މަޝްރޫޢުތަކެއް ހިންގުމަށް ދައުލަތުން ނޫމަޑިއާއެކު ވެފައިވާއެއްބަސްވުން އުވާލި މައްސަލައިގައި ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު ނުވަތަ 2.3 ބިލިއަން ރުފިޔާ އަދި އާބިޓްރޭޝަނާ ގުޅޭ އެހެން ޚަރަދުތައް ހޯދުމަށެވެ. ނޫމަޑިއާއެކު ކުރީގެ ރައީސް މުޙައްމަދު ވަހީދުގެ ސަރުކާރާއި ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގައި ހައުސިން ޔުނިޓްތަކެއް އެކިރަށްރަށުގައި އެޅުމަށް ހެދި އެއްބަސްވުން ބާޠިލްކުރުމުން ސަރުކާރުން ވަނީ ކޯޓުން ބޭރުން އެ މައްސަލަ ހައްލުކޮށް ނޫމަޑިއަށް 55 މިލިއަން ޑޮލަރުގެ ބަދަލެއް ދިނުމަށް ޙުކުމްކޮށްފައެވެ.

މިމައްސަލައާ ގުޅިގެން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު މަޖިލީހުގެ ކޮމިޓީއަށް ޙާޒިރުކޮށްފައިވާއިރު އެ ކޮމިޓީއަށް އޭނާ ދޮގު މަޢުލޫމާތު ދީފައިވާކަމަށްވެސް މަޖިލީހުން ވަނީ ތުހުމަތުކޮށްފައެވެ.