ޚަބަރު

ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ލޮކްސަބާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


ރައްޔިތުންގެ މަޖިލީހާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލިހުގެ ތިރިގެ، ލޮކް ސަބާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މަޖިލީހުގެ މެންބަރުން ހިމެނޭ 15 ބޭފުޅުންގެ ވަފުދުން އިންޑިއާއަށް މިހާރުކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި މަޖިލީހުގެ މެންބަރު ހިމެނޭ ވަފުދުގެ ބޭފުޅުން އިންޑިއާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގެ ރައީސް، އޯމް ބިރްލާއާ ވަނީ ބައްދަލުކުރައްވާފައެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި ލޮކްސަބާ އާދެމެދު ސޮއިކުރި އެމްއޯޔޫގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއެވެ. އަދި އިންޑިއާގެ ޤާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ފަރާތުން ސޮއިކުރެއްވީ ލޮކް ސަބާގެ ރައީސް އޯމް ބިރްލާއެވެ.

މިއެއްބަސްވުމަކީ ދެ އިދާރާގެ ދެމެދުގައި ގުޅުން ވަރުގަދަކޮށް، ތަމްރީން ފުރުސަތުތައް ފަހިކުރުމުގެ މަޤުސަދުގައި ސޮއިކުރެވުނު އެއްބަސްވުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ އެންމެ ފަހު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ ލޮކްސަބާއާއެކު ޤާއިމްކުރާ އެއްބަސްވުމުގެ ބޭނުމަކީ ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިކުރުން ކަމަށެވެ. އަދި މިއެއްބަސްވުމުގެ ދަށުން ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުން ބައިނަލްއަގުވާމީ ކަންކަމަށް އެއްބާރުލުން ދޭނެކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާއި ރައްޔިތުންގެ މަޖިލީހުގެ ވަފުދު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މިއަދު ވަނީ މަހަތްމާ ގާނދީގެ ހަނދާނީ ބިނާ، ރާޖްގަޓަށްވެސް ޒިޔާރަތްކުރައްވާފައެވެ.