ޚަބަރު

ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވާނަމަ އެކަން ސިއްރުނުކޮށް ޙިއްޞާކުރޭ - ރައީސް


ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވާނަމަ އެކަން ސިއްރުނުކޮށް ކަމާގުޅޭ އިދާރާތަކާ ޙިއްޞާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހުގެ މުނާސަބާގައި ފޮނުއްވި ޚިޠާބުގައެވެ.

ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މަޤާމެއްގައި ހުރި އެއްވެސް މުވައްޒަފަކު، ދައުލަތުގެ ފައިސާއަށް ނުވަތަ މުދަލަށް ޚިޔާނާތްތެރިވާ ނަމަ، އެކަން ސިއްރުނުކޮށް، ކަމާ ގުޅޭ އިދާރާތަކާ މަޢުލޫމާތު ޙިއްޞާކުރެއްވުމަށް އިލްތިމާސްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާވަނީ އެފަދަ ޝަކުވާތައް ހުށަހަޅާ ފަރާތްތައް ޢާންމު ނުވާނެ ގޮތަކަށް، ޝަކުވާތައް ހުށަހެޅޭނެ އިންތިޒާމުތައް ސަރުކާރުގެ އޮނިގަނޑުގެ ތެރޭގައި މިހާރު ހަމަޖެހިފައިވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ކޮރަޕްޝަނާ ދެކޮޅަށް އެޅޭނެ އެންމެ ހަރުދަނާ ފިޔަވަޅަކަށް ވާނީ، ޤައުމުގެ ކޮންމެ ރައްޔިތަކުވެސް އަމިއްލަ ނަފްސަށް ތެދުވެރިވެ، ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމުގެ ސިފަ ލިބިގަތުމުންކަމުގައި އެމަނިކުފާނު ފާހަގަކުރެއވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިތާބުގައި ޤައުމެއްގެ މުއްސަނދިކަމާއި ވަސީލަތްތަކުން، ހަމަހަމަކަމާއި އިންޞާފުވެރިކަމާއެކު، ރައްޔިތުންނަށް މަންފާ ލިބުމަށް އޮތް އެންމެ ބޮޑުހުރަހަކީ އެބައެއްގެ ތެރެއިން ނަޒާހަތްތެރިކަން ގެއްލި، ކޮރަޕްޝަނާއި ޚިޔާނާތްތެރިކަން ޢާންމުވުމުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި އެބައެއްގެ ތެރޭގައި ވައްކަމާއި ކޮރަޕްޝަނާއި ފަސާދަ ޢާންމުވުމަކީ ޤައުމީ ތަރައްޤީއަށް އޮތް އެންމެ ބޮޑު ހުރަސް ކަމުގައި ފާހަގަކުރައްވައި، ކޮރަޕްޝަންގެ ވަބާއަކީ ދައުލަތުގެ މުއައްސަސާތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލި، އިޖްތިމާޢީ ޢަދުލުވެރިކަން ނެތިގެން ދިޔުމުގެ މައިގަނޑު ސަބަބެއްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ އެމަނުކުފާނުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި، ކޮރަޕްޝަނާ ދެކޮޅަށް މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރައްވައި، "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތުގެ ދަށުން، ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މާލީ ބަޔާން ޢާންމުކުރަން ފައްޓަވާފައިވާކަން ފާހަގަކުރައްވާފައެވެ. މިކަމުގެ ބޭނުމަކީ، ސިޔާސީ މަޤާމުތަކަށް ޢައްޔަންކުރެވޭ މީހެއްގެ މާލީ ޙާލަތު ޢާންމުކޮށް އެނގުމާއެކު، އެ މަޤާމުގައި ހުރެގެން ނުޙައްޤު މުއްސަނދިކަމެއް ހޯދާކަން ނުވަތަ ނޫންކަން އާންމުންނަށް ދެނެގަތުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެއިތުރުން ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅޭނެ ވެބް ޕޯޓަލެއްވެސް ސަރުކާރުން މިހާރު ޤާއިމުކުރައްވާފައިވާކަން އެމަނިކުފާނުގެ ޚިޠާބުގައި ވަނީ ފާހަގަކުރައްވާފައެވެ.

ކޮރަޕްޝަން ހުއްޓުވުމަށް ޤާނޫނީގޮތުން ގެންނަވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮރަޕްޝަނާއި ނުޙައްޤު މުއްސަނދިކަން ހޯދުމާއި ލިބިގަތުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި، ޤާނޫނުލް ޢުޤޫބާތުގައި ކަނޑައެޅުމަށް، މިއަހަރުގެ ކުރީކޮޅު 18 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބިލެއް ހުށަހެޅުއްވިނަމަވެސް އެ މަޖިލީހުގެ ދައުރު ހަމަވިއިރު، އެ ބިލު ފާސްނުވުމުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އެ ބިލް އަލުން ހުށަހެޅުއްވުމަށް ނިންމަވާފައިވާކަމަށެވެ.

މީގެ އިތުރުން ކޮރަޕްޝަންގެ ޢަމަލުތައް ފަޅާއަރުވައިލާ މީހުންނަށް، ޤާނޫނީ ރައްކާތެރިކަން ލިބިދިނުމުގެ ގޮތުން، މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި "ވިސްލްބްލޯކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު" ތަޞްދީޤުކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އެ ޤާނޫނުގެ ސަބަބުން، ދައުލަތުގެ މުއައްސަސާތަކުން ކޮރަޕްޝަން ނައްތައިލުމުގައި، އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި، ޢާންމު ރައްޔިތުންގެ ދައުރު އިތުރަށް ފުޅާވެގެންދާނެކަމަށްވެސ ރައީސްގެ ޚިތާބުގައި ވަނީ ވިދާޅުވެފައެވެ.