ކުޅިވަރު

ފިރިހެން ބާސްކެޓް ޓީމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށް: ކޯޗު


ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށްކަމަށް އެޓީމުގެ ކޯޗް އެލެގްޒެންޑަރ ކޯރޭ ބެލްސަރ ބުނެފިއެވެ.

ނޭޕާލްގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް ބަލިވެ ރާއްޖެ ވަނީ މުބާރާތުން ކަޓާފައެވެ.

ޤައުމީ ފިރިހެން ބާސްކެޓްބޯޅަ ޓީމުގެ ކޯޗު އެލެގްޒެންޑަރ ކޯރޭ ބެލްސަރ ބުނީ، ޖުމްލަކޮށް ބަލާނަމަ މި މުބާރާތުގައި ކުޅުންތެރިން ދެއްކި ކުޅުން ރަނގަޅުކަމަށާއި، ރާއްޖެއާއި ދެކޮޅަށް ކުޅުނު ޓީމުތަކުގައި ތިބި ކުޅުންތެރިންނަކީ ރާއްޖޭގެ ކުޅުންތެރިންނަށްވުރެ އިސްކޮޅުން ދިގު ހަށިގަނޑުންވެސް ވަރުގަދަ ކުޅުންތެރިންކަމަށެވެ.

ކޯޗު ބެލްސާ ބުނީ މި މުބާރާތަށް ފަހު ޤައުމީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ޤައުމީ ޓީމަށް ކުޅުން ހުއްޓާލާއިރު، އެ ކުޅުންތެރިންގެ ބަދަލުގައި ޒުވާން ކުޅުންތެރިން މިހާރު ޓީމުގައި އެބަތިބިކަމަށެވެ. އަދި މި މުބާރާތުގައިވެސް ޒުވާން ކުޅުންތެރިންގެ ފަރާތުން އުއްމީދުކުރިވަރުގެ ކުޅުމެއް ފެނިގެންދިޔަކަމަށާއި، ޓީމުގެ ކުރިމަގު އޮތީ ވަރަށް އުޖާލާކޮށްކަމަށް ކޯޗު ވަނީ ބުނެފައެވެ.

"ވަރަށް އުނދަގޫ މެޗުތަކެއް މުބާރާތުގައި މި ކުޅުނީ. ވަރަށް ރަނގަޅު ފައިޓެއް ދިން އިދިކޮޅު ޓީމަށް ކުޅުންތެރިން. ދެން ރާއްޖެއާއި ދެކޮޅަށް ކުޅުނު ޓީމުތަކުގައި ތިބި ކުޅުންތެރިންނަކީ އިސްކޮޅުންވެސް ދިގު ހަށިގަނޑުވެސް ވަރަށް ވަރުގަދަ ކުޅުންތެރިން. އެ ކުޅުންތެރިން ކައިރި ކުޅުންތެރިން ކުރި މަސައްކަތަށް ތަޢުރީފް ކުރަން. ޒުވާން ކުޅުންތެރިންނާއެކު ޓީމުގެ ކުރިމަގު ވަރަށް އުޖާލާކޮށް ފެންނަނީ." ކޯޗު ބުންޏެވެ.

ސައުތް އޭޝިއަން ގޭމްސްއަށް ޤައުމީ ބާސްކެޓްބޯޅަ ޓީމު ކުރިމަތިލީ ސިންގަޕޫރާއި ޗައިނާގައި ޓްރެއިނިންގތަކެއް ފުރިހަމަކުރުމަށްފަހުގައެވެ.