ޚަބަރު

އަމާޒަކީ ޕީޖީ އޮފީހަކީ އިތުބާރުކުރެވޭ އިދާރާއަކަށް ހެދުން - ޝަމީމް


އަމާޒަކީ ޕްރޮސިކިއުޓަރ ޖެނަރަލްގެ އޮފީހަކީ ރައްޔިތުން އިތުބާރުކުރާ ފަދަ ހަރުދަނާ މަސައްކަތްތަކެއް ކުރާ އިދާރާއަކަށް ހެދުންކަމަށް ޕްރޮސިކިއުޓަރ ޖެނަރަލް ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އިއްޔެ އައްޔަންކުރެއްވި އަލްއުސްތާޛު ޙުސައިން ޝަމީމު މިހެން ވިދާޅުވީ މަގާމާއި ހަވާލުވެވަޑައިގެން ކުރެއްވި ޓުވީޓެއްގައެވެ.

ކުރިން ޑެޕިއުޓީ ޕްރޮސިކިއުޓަރ ޖެނަރަލްގެ މަޤާމުވެސް ފުރުއްވާފައިވާ ޝަމީމް ވިދާޅުވީ މަޖިލީހުގެ 74 މެންބަރުން އޭނާއަށް އިތުބާރުކުރައްވައި ޕީޖީކަމުގެ މަޤާމަށް ރުހުންދެއްވިކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި އެފަދަ ފުރިހަމަ އަޣުލަބިއްޔަތަކުން އޭނާއަށް ރުހުންލިބުމުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ މުހިންމުކަން ހާމަވާކަންފާހަގަކުރައްވައި މަޤާމުގެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރައްވާނެކަމުގެ ޔަގީންކަން ޝަމީމް ވަނީ ދެއްވާފައެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ މަގާމަށް، އިއްޔެ އައްޔަންކުރެއްވި ޙުސައިން ޝަމީމު ކުރެއްވި ޓުވީޓް

ޝަމީމްވަނީ އޭނާ ޕީޖީގެ މަޤާމަށް އައްޔަންކުރުމަށް ޖުޑީޝަރީ ކޮމިޓީން ކުރެއްވި އިންޓަވިއުގައިވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލެއްވީ މިނިވަން އިންސާފުވެރި ރަނގަޅު ޝަރުއީ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންފުޅުވާތީ ކަމުގައި ވިދާޅުވެފައެވެ. އަދި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނުބެލި ލަސްވަމުންދާ މައްސަލާގައި ވާހަކަ ދައްކަވަމުން ޝަމީމް ވަނީ އެ މައްސަލައަށް ޙައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރާއްޖޭގައި ފާހަގަކޮށްލެވޭ ޤާނޫނީ ވަކީލުންގެ ތެރޭގައިވެސް ހިމެނިވަޑައިގެންނަންނަވާ ޝަމީމަކީ ޖަލުގައި އެއްވެސް ހުކުމެއްނެތި ތިބި އެތައްބަޔެއްގެ މައްސަލަތަކާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމަށް ހައްލެއް ލިބެންޖެހޭ ކަމުގައި ތަކުރާރުކޮށް ވަކާލާތު ކުރައްވާފައިވާ ވަކީލެކެވެ.

ޤާނޫނު އަސާސީގެ 221 ވަނަ މާއްދާ އާއި، ޕްރޮސެކިއުޓަރ ޖެނެރަލްގެ ޤާނޫނުގެ 3 ވަނަ މާއްދާގައިވާ ގޮތުގެ މަތީން ޕީޖީގެ މަޤާމަށް އައްޔަނުކުރެއްވި އަލްއުސްތާޛު ޙުސައިން ޝަމީމު ވަނީ އިނގިރޭސި ވިލާތުގެ ސަސެކްސް ޔުނިވަރސިޓީން، ކްރިމިނަލް ލޯ އެންޑް ކްރިމިނަލް ޖަސްޓިސްގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވާފައެވެ. އަދި އަލްއުސްތާޛު ޙުސައިން ޝަމީމު ވަނީ މިސްރުގެ އަލް އަޒްހަރު ޔުނިވަރސިޓީން ޝަރީޢާ އެންޑް ލޯގެ ދާއިރާއިން ބެޗްލަރ ޑިގްރީ ޙާސިލުކުރައްވާފައެވެ.