ޚަބަރު

ބީލަމަށް ނުލައި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެކަމަށް ބުނާ މާއްދާ އުވާލަން އޭސީސީން ލަފާދީފި


ބީލަމަށް ނުލައި މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެކަމަށް މާލިއްޔަތު ޤަވާއިދުގައި ބުނާ މާއްދާ އުވާލަން އޭސީސީން ލަފާދީފިއެވެ.

އޭސީސީން މާލިއްޔަތު ޤަވާއިދު އިސްލާހުކުރުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ލަފާ ދީފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބިޑްކުރުމަކާއި ނުލައި ސަރުކާރުގެ މަސައްކަތްތައް ހަވާލުކުރުމުގެ އުސޫލުގެ ކޮރަޕްޝަން ރިސްކް ދިރާސާއެއް ތައްޔާރުކުރުމަށްފަހުއެވެ.

އޭސީސީން ތައްޔާރުކޮށްފައިވާ ދިރާސީ ކަރުދާހުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު އޮތްގޮތުން އާންމުކޮށް ބީލަމަށް ހުޅުވާ ނުލައި، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ނުވަތަ ސަރުކާރުގެ މަޞްލަޙަތު އޮންނަ ކޯޕަރޭޓިވް ސޮސައިޓީއަކާ ނުވަތަ ގައުމީ ޖަމްޢިއްޔާއެއް ނުވަތަ ޖަމާޢަތެއްކަމަށް ސަރުކާރުން ޤަބޫލުކުރާ ފަރާތަކާ މަސައްކަތް ހަވާލުކުރުމުގެ ފުރުޞަތު ލިބިގެންދާކަމަށެވެ. އަދި މިގޮތަށް މިކަން އޮތުމުން ހަވާލުކުރެވޭ މަސައްކަތެއް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކަށް ނުކުރެވުމުން ތިންވަނަ ފަރާތަކަށް ހަވާލުކުރަނީ ބީލަމަށް ނުލައި، ދައުލަތަށް ގެއްލުންވާ ގޮތަށްކަމަށް އޭސީސީން ފާހަގަކޮށްފައިވެއެވެ.

އޭސީސީން ބުނީ މިގޮތަށް މިކަން ގިނަފަހަރު ކޮށްފައިވަނީ، ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލުތަކަށް ޢަމަލުނުކޮށް، ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށްކަމަށެވެ. އަދި ބީލަމަށް ނުލައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މަޝްރޫޢުތައް ދޫކުރަންޖެހިއްޖެނަމަ މާލިއްޔަތު ޤަވާއިދުގައި އެކަމާ ގުޅޭ މާއްދާއެއް ހިމެނުމަށްވެސް އޭސީސީން ލަފާދީފައިވެއެވެ. މީގެއިތުރުން ސަރުކާރު ކުންފުންޏަކަށް މަސައްކަތް ޙަވާލުކުރަން ބޭނުންވާނަމަ، އެކަން ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން، ދައުލަތަށް ގެއްލުންނުވާގޮތަށް ކުރުމަށްވެސް އޭސީސީން ލަފާ ދީފައިވެއެވެ.

އޭސީސީން ބުނީ ކޮރަޕްޝަނުން ދައުލަތަށް ލިބޭ ގެއްލުން ކުޑަކުރުމަށް މާލިއްޔަތު ޤާނޫނުގައި ބީލަމަށް ނުލައި މަޝްރޫޢުތައް ދޭ ގޮތަށް އޮންނަ މާއްދާތައް އުވާލާ، އެމާއްދާތައް މުރާޖަޢާކުރަންޖެހޭކަމަށެވެ.

ބިޑަކަށް ނުލައި މަޝްރޫޢުތައް ދެވޭ ގޮތަށް މާލިއްޔަތު ޤަވާއިދު އޮތުމުން، މީގެ ކުރިންވެސް އޭސީސީން ވަނީ އެކަން އިސްލާހުކުރުމަށް ދައުލަތުގެ ކަމާބެހޭ މުޢައްސަސާތަކަށް އަންގާފައެވެ.