ވިޔަފާރި

މަސްވެރިޔާ ކާޑު މިހާތަނަށް 1500 މަސްވެރިންނަށް ދޫކޮށްފި


މަސްވެރިޔާ ކާޑު މިހާތަނަށް 1500 މަސްވެރިންނަށް ދޫކޮށްފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.

މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓްއަކީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ ވަސީލަތެކެވެ. މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓް ތައާރަފްކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި ކޫއްޑޫގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން ބީއެމްއެލްގެ ހެޑް އޮފް ޗެނަލް މެނޭޖްމަންޓް މަބްރޫކާ އަމީލް ޖަލީލް ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސް އިން ފިޝަރީޒް މިނިސްޓްރީއާއި ގުޅިގެން ތައާރަފްކުރި މަސްވެރިޔާ ކާޑަކީ މަސްވެރިންނަށް ޚާއްސަކޮށް އެމީހުން ބެންކިން ސެކްޓަރއަށް ވެއްދުމަށް ތައާރަފްކުރި ކާޑެއްކަމަށެވެ. މަބްރޫކާ ވިދާޅުވީ، މިއަދާއި ހަމައަށްއައިއިރު 1500 ކާޑު އެ ބޭންކުން މަސްވެރިންނަށް ދޫކޮށްފައިވާކަމަށެވެ.

"މިކާޑު އަޅުގަނޑުމެން މި ލޯންޗްކުރީ ފެބްރުއަރީމަހު. އޭރު އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތްކުރީ ހުވަދު އަތޮޅު މަސްވެރިންނާއި އެކީގައި މިފްކޯ އޮންބޯޑް ކޮށްގެން. މިއަދާއި ހިސާބަށްއައިއިރު އަޅުގަނޑުމެން އިޝޫކޮށްފިން 1500 ކާޑު. ދެންއަދި މަސްވެރިންގެ ދުވަހާއި ކައިރިކޮށްފައި މި ވީކަންޑަކީ ވަރަށް ޚާއްސަކޮށްގެން ބޭންކުގެ ފަރާތުން އަޅުގަނޑުމެން އެކްޓިވިޓީސްތަކެއް ކުރަމުންދާ ހަފްތާއެއް." މަބްރޫކާ ވިދާޅުވިއެވެ.

ބީއެމްއެލްގެ ކޮންމެ ބުރާންޗަކުންވެސް މި ކާޑަށް އެދެވޭނެއެވެ. މަބްރޫކާ ވިދާޅުވީ، ކާޑަށް އެޕްލައިކުރަން ބޭނުންވާ މަސްވެރިން ބޭންކް އޮފް މޯލްޑިވްސްގެ ކޮންމެ ބްރާންޗަކަށް ގޮސްފައިވެސް އެޕްލިކޭޝަން ފުރާލުމުން ކާޑަށް އެދެވޭނެކަމަށެވެ. އަދި މާސްޓަރ ކާޑު ބޭނުންކުރެވޭ ޤައުމުތަކުގައި މަސްވެރިޔާ ކާޑުވެސް ބޭނުންކުރެވޭނެކަމަށް މަބްރޫކާ ވިދާޅުވިއެވެ.

މި ކާޑަށް އެޕްލައިކުރާއިރު ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓެއް އިންނާކަށް ނުޖެހޭނެކަމަށާއި، އެކައުންޓެއް ނެތަސް މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ބީއެމްއެލްގެ ޚިދުމަތްތައް ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އިންނާނެ އެޕްލިކޭޝަން ފޯމެއް. ފިޒިކަލް ކާޑެއްވެސް މުހިންމެއްނޫން ކޮންމެހެނެއް. ކާޑު އިންނާނީ ބީއެމްއެލްގެ މޯބައިލްޕޭ އެޕަށް އިންނާނީ އެޑްވެފައި. ފިޒިކަލް ކާޑުނެތަސް މި ކާޑު އިޝޫކުރުމާއިއެކު އެޕްލިކޭޝަންގައި އިންނަ ކާޑު ބޭނުންކުރެވެންފަށާނެ މޯބައިލްޕޭ މެދުވެރިކޮށް." މަބްރޫކާ ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އާއި ބޭންކް އޮފް މޯލްޑިވްސް ގުޅިގެން ތައާރަފްކޮށްފައިވާ މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު މަސްވެރިންނަށް ޑިޖިޓަލް ވޮލެޓަކާއި ލިންކުކޮށްފައިވާ ހާއްސަ ކާޑެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭންކިންގ މުއާމަލާތްތައް ހިންގެއެވެ. މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ.

މަސްވެރިންގެ އަތުން މަސް ގަންނަ ކުންފުނިތަކަށް މި ޑިޖިޓަލް ވޮލެޓާއެކު ހިމެނޭ އޮންލައިން ޕޯޓަލް މެދުވެރިކޮށް މަސްދޯނިތަކަށް ފައިސާ ދެއްކޭނެއެވެ. އެއާއެކު މިފަދަ ކުންފުނިތަކަށް ބޭނުންވާ ނަގުދު ފައިސާގެ މިންވަރު ދަށްކުރެވިގެންދާނެއެވެ. މަސްދޯނިތަކަށް ބޭނުންވާ ތެޔޮ އަދި އައިސް ގަތުމުގެ އިތުރުން ފަޅުވެރިންނަށް ލިބެންޖެހޭ ފައިސާވެސް ފަޅުވެރިންގެ މަސްވެރިޔާ ކާޑަށް ފޮނުވާލެވޭނެއެވެ.

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން މަސްވެރިޔާ ކާޑުން ޚާއްސަ ޕްރޮމޯޝަނެއްވެސް ބީއެމްއެލްއިން ވަނީ ފަށާފައެވެ. ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަންގެ ތެރެއިން މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާ ލިބޭނެކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މާޗުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.