ޚަބަރު

ރަޖިސްޓްރީ ނުކޮށް ޓީޗަރުކަން ނުކުރެވޭގޮތް ހަދަނީ


ރަޖިސްޓްރީކޮށް ލައިސަންސް ހޯދައިގެން ނޫނީ ރާއްޖޭގައި ކިޔަވައިދޭ އެއްވެސްތަނެއްގައި ޓީޗަރުންގެ ގޮތުގައި މަސައްކަތްނުކުރެވޭގޮތަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅައިފިއެވެ. މި ބިލް މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު މުމްތާޒެވެ.

ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ކިއުން އިއްވާފައިވާ "ތަޢުލީމުގެ ބިލު" މަޖިލީހަށް ހުށައެޅުމުގެ ބޭނުމެއްކަމުގައި ބުނެފައިވަނީ، ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އުނގެނުމުގެ ޙައްޤު އެންމެ ފުރިހަމަގޮތުގައި ލިބިދިނުމަށްޓަކައި ޤާއިމުކުރަންޖެހޭ ޤާނޫނީ އޮނިގަނޑު ޤާއިމުކޮށް، ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމު އޭގެ މައްޗަށް ބިނާވެގެންވާ އަސާސްތައް ކަނޑައެޅުންކަމަށެވެ. އަދި އުނގެނުމާ ގުޅޭގޮތުން ރައްޔިތުންނަށާއި ދަރިވަރުންނަށް ލިބިދޭ ޙައްޤުތަކާއި، ދައުލަތާއި ބެލެނިވެރިންނާއި ޓީޗަރުންގެ ޒިންމާތައް ކަނޑައެޅުމާއި، ދިވެހިރާއްޖޭގައި ތަޢުލީމުދިނުމާގުޅޭ އެނޫންވެސް ޢާންމު ހަމަތަކާއި އުސޫލުތައް ބަޔާންކުރުންކަމަށްވެސް މި ބިލުގެ މަޤްޞަދެއްކަމުގައި ވަނީ ބަޔާންކޮށްފައެވެ.

މި ބިލްގައި ބުނެފައިވަނީ، މި ބިލް ޤާނޫނަކަށްވުމުން، މި ޤާނޫނުގެ ދަށުން ރަޖިސްޓަރީކުރުމަކާ ނުލައި ދިވެހިރާއްޖޭގައި ހިންގާ އެއްވެސް ސްކޫލެއްގައި ނުވަތަ އެނޫންވެސް ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތްކޮށްގެންނުވާނެކަމަށެވެ. އަދި ރަޖިސްޓަރީކޮށްފައިވާ ފަރާތަކަށް ނޫނީ، އެއްވެސް ސްކޫލެއްގައި ޓީޗަރެއްގެ ވަޒީފާދީގެންނުވާނެކަމަށްވެސް ބިލުގައިވެއެވެ. ނަމަވެސް ޓީޗަރުންގެ ސީދާ ބެލުމުގެ ދަށުން މަސައްކަތްކުރާ ޓްރެއިނީ ޓީޗަރުންގެ މައްޗަކަށް މި އުސޫލު ނުހިނގާނެކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ޓީޗަރުންގެ ގޮތުގައި ރަޖިސްޓްރީވާންޖެހޭ ފަރާތްތަކުގެ ގޮތުގައި މި ބިލުގައި ބުނެފައިވަނީ ޓިއުޓަރުންނާއި، ތެރަޕިސްޓުންނާއި، ޓީޗަރުންނާއި، ސްކޫލުގެ ލީޑިންގ ޓީޗަރުންނާއި، ސުޕަރވައިޒަރުންނާއި، ޑިޕާޓްމަންޓުތަކުގެ ހެޑުންނާއި، ހެޑް ޓީޗަރުންނާއި، އެ ފެންވަރުގެ މަޤާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނާއި، ޑެޕިއުޓީ ޕްރިންސިޕަލުންނާއި، އެކްޓިންގ ޕްރިންސިޕަލުންނާއި، ޕްރިންސިޕަލުންނާއި އެ ފެންވަރުގެމުގެ މަޤާމުތަކުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންނެވެ.

މި ބިލު ތަސްދީޤްކުރާތާ ހަމަސް ދުވަހުގެ ތެރޭގައި ޓީޗާސް ރެޖިސްޓްރޭޝަން ކައުންސިލުގައި ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ހޯދަން ޖެހޭނެ ކަމަށްވެސް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލުގައި ރާއްޖޭގައި ދިރިއުޅޭ، ޢުމުރުން 4 އަހަރުން ފެށިގެން 16 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކީ، މަޖުބޫރު ތަޢުލީމު ލާޒިމުވާ އުމުރުގެ ކުއްޖެއްކަމަށްވެސް ބުނެފައިވެއެވެ. އަދި ޓީޗަރުންގެ ޒިންމާތައްވެސް ވަރަށް ތަފްސީލުކޮށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.