ވިޔަފާރި

ވެލާ ރިސޯޓުގެ މުވައްޒަފުންނަށް ސަރވިސް ޗާޖުގެ ގޮތުގައި 20 ހާސް ރުފިޔާ!


ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް މިދިޔަމަހު ސަރވިސް ޗާޖުގެ ގޮތުގައި 20 ހާސް ރުފިޔާ ދީފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ރާއްޖޭގެ ރިސޯޓުތަކުން މުވައްޒަފުންނަށް ސަރވިސް ޗާޖު ދޭ މިންވަރާއި ރިސޯޓުތަކުގެ އެކި ޚިދުމަތްތަކުން ސަރވިސް ޗާޖް ނަގާ މިންވަރުގެ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓެއް ކަމަށްވާ "މޯލްޑިވްސް ސަރވިސް ޗާޖް ވެބްސައިޓު" ގައި އާންމުކޮށްފައިވާގޮތުން މިދިޔަ ނޮވެމްބަރުމަހު އެންމެ ގިނައިން ސަރވިސް ޗާޖު ދީފައިވަނީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓުންނެވެ. އެ ރިސޯޓުން ވަނީ މުވައްޒަފުންނަށް އެވްރެޖުކޮށް 1329 ޑޮލަރު ނުވަތަ 20498 ރުފިޔާ ސަރވިސް ޗާޖުގެ ގޮތުގައި ދީފައެވެ.

މިއީ އޮކްޓޫބަރުމަހު އެ ރިސޯޓުން ސަރވިސް ޗާޖު ދިން ރޭޓާއި އަޅާބަލާއިރު ބޮޑު އަދަދެކެވެ. ސެޕްޓެމްބަރުމަހު ސަރވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުން ދީފައިވަނީ 916 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 14000 ރުފިޔާއެވެ. ނަމަވެސް ސެޕްޓެމްބަރުމަހު ސަރވިސް ޗާޖުގެ ގޮތުގައި އެ ރިސޯޓުން ދީފައިވަނީ އެންމެ 500 ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 7700 ރުފިޔާއެވެ.

ވެލާ ރިސޯޓަށްފަހު މިދިޔަމަހު މުވައްޒަފުންނަށް އެންމެ ގިނައިން ސަރވިސް ޗާޖު ދީފައިވަނީ ޝެވަލް ބްލާންކް ރަންދެލި ރިސޯޓުންނެވެ. އެއީ 1146 ޑޮލަރު ނުވަތަ 17600 ރުފިޔާއެވެ.

ތިންވަނައަށް އެންމެ ގިނައިން ސަރވިސް ޗާޖް ދީފައިވަނީ 922 ޑޮލަރު ނުވަތަ 14،200 ރުފިޔާއާއެކު ވަން އެންޑް އޮންލީ ރީތި ރަށް ރިސޯޓުންނެވެ.

މޯލްޑިވްސް ސަރވިސް ޗާޖް ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުން ރިސޯޓްތަކުގެ ސަރވިސް ޗާޖް އާންމުކޮށް އުޅެނީ 400 ޑޮލަރާއި 700 ޑޮލަރާއި ދެމެދުއެވެ. މިދުވަސްވަރަކީ ފަތުރުވެރިކަމުގެ ޕީކް ސީޒަނަށް ވުމާއެކު މި ދުވަސްތަކުގައި ރިސޯޓުތަކަށް ގިނައިން ސަރވިސް ޗާޖް ލިބޭނެކަމަށް ލަފާކުރެވެއެވެ.

މޯލްޑިވްސް ސަރވިސް ޗާޖް ވެބްސައިޓަކީ ރާއްޖޭގެ އެކި ރިސޯޓުތަކުގެ ސާރވިސް ޗާޖް ދޭ އަދަދު ކޮންމެ މަހަކު އާންމުކުރަމުން އަންނަ ވެބްސައިޓެކެވެ. މީގެ އިތުރުން މި ވެބްސައިޓުގައި ރިސޯޓުތަކުގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި ރިސޯޓުތަކާއިބެހޭ އެކި މަޢުލޫމާތު ލިބެން ހުރެއެވެ. މިއީ ރާއްޖޭގައި ރިސޯޓު ދާއިރާގައި ހަރަކާތްތެރިވާ ޒުވާނުންނަށް ފަސޭހައިން ވަޒީފާ ހޯދައިދިނުމުގެ މަޤްސަދުގައި ތައްޔާރުކޮށްފައިވާ ވެބްސައިޓެކެވެ.