ވިޔަފާރި

ޒުވާނުންގެ މަސް ދަތުރު - 300 ކިލޯއަށް ވުރެ ގިނަ މަސްބޭނި


މިއަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ސަރުކާރާއި ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަސްވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޑިސެމްބަރު މަހު 10 ވަނަދުވަހެވެ. މިދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް ފަށާފައިވަނީ "ޒުވާނުންގެ ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރުން" ނެވެ.

ބޭންކް އޮފް މޯލްޑިވްސްއާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ބޭއްވި މި ދަތުރުގައި ސާޅީހާ ގާތްކުރާ ޢަދަދަކަށް ޒުވާނުން ބައިވެރިވެފައިވެއެވެ. މިއީ ޒުވާނުންނަށް މަސްވެރިކަން ކުރާ ގޮތް ދައްކާ މިކަން ތަޖުރިބާކޮށްލުމުގެ ފުރުސަތު ހޯދައިދިނުމުގެ މަޤްސަދުގައި ބޭއްވި ދަތުރެކެވެ.

މި ދަތުރުގައި ބައިވެރިވި ޒުވާނުން ދަތުރުކުރީ 2 ދޯންޏެއްގައެވެ. ފުރަތަމަ ދޯނީގައި 18 ބައިވެރިން، ދެވަނަ ދޯނީގައި 19 ބައިވެރިން ދަތުރުކުރިއެވެ.

ދެ ދޯނި ވެސް މާލޭ އެއް ނަންބަރު ޖެޓީން ފުރީ ހުކުރު ދުވަހު މެންދުރު 3 ޖެހިއިރުއެވެ. ދެ ގަޑިއިރު ދުއްވުމަށްފަހު ދޯނި މަޑުކުރީ ފަރުމަސް ބޭނުމަށެވެ. ހުރިހާ ބައިވެރިންވެސް ވަނީ ފަރުމަސް ބޭނުމުގައި ބައިވެރިވެފައެވެ. ރޭގަނޑު އަށެއް ޖެހުމާއި ހަމައަށް ވިއްސަށްވުރެ ގިނަ ފަރުމަސް ފުރަތަމަ ދޯނިން ބޭނިއެވެ.

ރޭގަނޑު އަށެއް ޖެހިއިރު ފަރުމަސް ބޭނުމުގެ މަސައްކަތުން އަވަދިވެ ބައިވެރިން ރޭގަނޑުގެ ކެއުމަށް އިންސާފުކުރިއެވެ. އެއަށްފަހު އަނެއްކާވެސް ފަރުމަސް ބޭނުމުގައި ބައެއް ޒުވާނުން އުޅުނެވެ.

ރޭގަނޑު 9 އެއް ޖެހިއިރު ދޯނީގެ މިސްރާބު ބަދަލުކޮށްލީ އެން ހޯދުމަށް މާކަނޑަށެވެ. އެވަގުތުގައި ދޯނީގެ ބައިވެރިންނާއި ފަޅުވެރިން އެން ނެގުމަށް ބޭނުންކުރާ 'ދާ' ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ.

އޭގެ އިރުކޮޅެއްފަހުން އެން ހުރި ހިސާބު ޔަޤީންވުމާއެކު ދޯނީގެ ދެކޮޅަށް ނަގިލި އެއްލާ އެން ނެގުމުގެ މަސައްކަތް ކުރިއަށްގެންދިޔައެވެ.

އެން ނެގުމުގެ މަސައްކަތް ނިމުނީ ގާތްގަނޑަކަށް މެންދަމުން 1 ޖަހަނިކޮށެވެ. މިއާއެކު އެދުވަހުގެ މަސައްކަތް ނިންމާ، އަނެއްދުވަހުގެ މަސައްކަތް ފަށަން ވާއިރަށް އެންމެން ވެސް އަރާމުކޮށްލުމަށް ދިޔައެވެ.

ޖެހިގެން އައި ދުވަސް ވެގެންދިޔައީ ވިއްސާރަ އަދި ކަނޑުގަދަ ދުވަހަކަށެވެ. ހެނދުނު އިރުއެރުމާއެކު ކެޔޮޅުގެ މިސްރާބުހުރީ މާފުށްޓާއި ކައިރިން އޮތް ބޮޔަކާއި ދިމާލަށެވެ. އޭރު ބޮއެ މަތިން ދޫނިތައް ކޮޅުކޮޅަށް އެނބުރޭ މަންޒަރު ފެނެއެވެ. ބަރާބަރު ހަގަޑި ބައިގައި ކެޔޮޅުވެރިން ފައިބަރު ދޮށިތައް ނަގާ ދަހި މަސްއައިނާ ދިމާލަށް އުކަން ފެށިއެވެ.

ކެޔޮޅުވެރިންނާއެކު ދަތުރުގެ ބައިވެރިންވެސް މަސް ބޭނުމާއިގެން މަސްޢޫލުވިއެވެ. މަސްބާނަން ފެށިތާ އެއްގަޑިއިރު ތެރޭ ދޯނީގެ ތައްޓުމަތި ފުރެން ފެށިއެވެ. މި ކުޑަވަގުތުކޮޅުގައި ދޯނީގެ ފަޅުވެރިންނާއި އަދި ދަތުރުގެ ބައިވެރިން ވަނީ 300 ކިލޯއާއި ގާތްކުރާ ޢަދަދަކަށް މަސް ބާނާފައެވެ. މިއީ އަދި އެންމެ ދޯންޏަކުން މަސް ބޭނި ޢަދަދެވެ.

ދޮށީގެ މަސްވެރިކަމަށް ފަހު ދެން ބައިވެރިންނަށް މަސް ކެނޑުމަށް ބޭނުންކުރާ އުކުޅުތައް ދަސްކޮށްދެވުނެވެ. ދަތުރުގެ ބައިވެރިން ވަނީ މި ދަތުރަކީ ވަރަށް ބޭނުންތެރި ދަތުރެއްކަމަށާއި މި ދަތުރުގެ ތެރެއިން ގިނަ ކަންކަން ދަސްވެގެންދިޔަކަމަށް ފާހަގަކޮށްފައެވެ.

ބީމްއެލްއާއި މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރ އިން ގުޅިގެން ކުރިއަށްގެންދިޔަ މި ދަތުރު ވަރަށް ވެސް ކާމިޔާބެވެ. މި ފަދަ ދަތުރުތަކާއެކު މަސްވެރިކަން ކުރުމަށް ޒުވާނުންގެ ކިބައިގައި ޝައުޤުވެރިކަން އުފެދި މި މަސައްކަތަށް ލޯބި އިތުރުވެގެންދާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.