ޚަބަރު

ކައުންސިލްތަކުގެ އުމުރު 5 އަހަރަށް އިތުރުކުރަން ޤާނޫނުއަސާސީއަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި


ކައުންސިލްތަކުގެ އުމުރު 3 އަހަރުން 5 އަހަރަށް އިތުރުކުރުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގް ކުރައްވައިފިއެވެ.

ޤާނޫނު އަސާސީގެ 8 ވަނަ ބާބަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ތަސްދީގް ކުރައްވާފައިވަނީ މިއަދުއެވެ. ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް މަޖިލީހުން ގެންނަން ފާސްކުރި އިޞްލާޙުގައި ވަނީ ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރުކުރުމާއެކު، ސިޓީ ކައުންސިލްގެ މޭޔަރުންނާއި، އަތޮޅު ކައުންސިލްގެ ރައީސްއާއި، ރަށު ކައުންސިލްގެ ރައީސުން ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން އިންތިޚާބުކުރުމަށެވެ.

ސަރުކާރުން އެންމެ ފުރަތަމަ މަޖިލީހަށް ހުށައެޅި އިޞްލާހުގައިވަނީ ސިޓީ ކައުންސިލްގެ މޭޔަރުންނާއި ނާއިބު މޭޔަރުން އަދި ކައުންސިލްގެ ރައީސްއާއި ނާއިބު ރައީސް ހޮވަންޖެހޭނީ ރައްޔިތުންގެ ސީދާ ސިއްރު ވޯޓަކުންކަމަށެވެ. ނަމަވެސް މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާނީ ސިޓީ ކައުންސިލްގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން އެކަނިކަމަށެވެ.

އެހެންކަމުން ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްގެ ނާއިބު ރައީސުން ހޮވަންޖެހޭނީ މިހާރުވެސް އެފަރާތްތައް އިންތިޚާބުކުރާގޮތަށް ކައުންސިލް މެންބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ. ޤާނޫނު އަސާސީއަށް ގެނައުމަށް މަޖިލީހުން ފާސްކުރި އިޞްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމުން ކުރިއަށް އޮތް ކައުންސިލް އިންތިޚާބްގައި މިޤާނޫނަށް ޢަމަލުކުރަންޖެހޭނެއެވެ.

ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.