ޚަބަރު

ޤާނޫނީ ބެލެނިވެރިކަން ދައުލަތާއި ހަވާލުކޮށްދިނުމަށް އެދި ފޮނުވި ހުރިހާ މައްސަލައެއްވެސް ކޯޓަށް ފޮނުވިއްޖެ - އޭޖީ


ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާއި ހަވާލުކޮށްދިނުމަށް އެދި މިހާތަނަށް ފޮނުވި ހުރިހާ މައްސަލަވެސް ފެމިލީކޯޓަށް ފޮނުވާފައިވާކަމަށް ބަންޑާރަނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކާއި ގުޅޭގޮތުން ބަންޑާރަ ނައިބުގެ އޮފީހުން އާންމުކޮށްފައިވާ ބަޔާނެގައި ވިދާޅުވެފައިވަނީ ބެލެނެވެރިކަން ދައުލަތަށް ނެގުމަށް މިއަދު ކޯޓަށް ފޮނުވުނު 11 ކުއްޖެއްގެ މައްސަލައާއެކު އެ އިދާރާއަށް މިހާތަނަށް ފޮނުވާފައިވާ އެފަދަ ހުރިހާ މައްސަލައެއް ކޯޓަށް ހުށަހަޅައި ނިމިފައިވާކަމަށެވެ.

ޖެންޑާ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކުޑަކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި ފެމިލީ ކޯޓުގައި މިހާރު ކުރިއަށްދާ
18 މައްސަލައިގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވާ، ޢުމުރުން 6 މަހާއި 13 އަހަރާއި ދެމެދުގެ 11 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށުގައި ބެހެއްޓުމުގެ އަމުރަކަށާއި، އެ ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ދައުލަތާ ޙަވާލުކޮށްދިނުމަށް އެދި އޭޖީ އޮފީހުން މިއަދު ފެމިލީ ކޯޓަށް ހުށަހަޅައިފައިވާކަމަށް އެއޮފީހުން ވިދާޅުވެއެވެ.

އޭޖީ އޮފީހުން އޮފީހުން ފެމިލީ ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، 1 އަހަރުން ދަށުގެ 3 ކުދިންނާއި، 1 އަހަރާއި 2 އަހަރާ ދެމެދުގެ 2 ކުދިންނާއި، 2 އަހަރާއި 5 އަހަރާ ދެމެދުގެ 3 ކުދިންނާއި، 13 އަހަރުގެ ކުއްޖެއްގެ މައްސަލައެކެވެ.

މި 11 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ އެ ކުދިން ބެލެހެއްޓުމުގެ ޒިންމާއާ މައިންބަފައިން ޙަވާލުވުމަށް އިންކާރުކޮށް އެ ކުދިންގެ ޢާއިލާގެ އެއްވެސް މެންބަރަކު ހަމަޖެހިފައިނުވާތީކަމަށް އޭޖީ އޮފީހުން ވިދާޅުވެއެވެ. އަދި މި 11 ކުދިންގެ މައިންބަފައިންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރަމުންދާ މީހުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.

ކުޑަކުދިންނަށް ނުވަތަ ޅަފުރައިގެ ކުދިންނަށް މުޖުތަމަޢުން ނުވަތަ ޢާއިލާއިން އިހުމާލުވާ ޙާލަތުގައި، އެކުދިންނަށް ޚާއްޞަ ރައްކާތެރިކަމާއި، ޚާއްޞަ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުމަކީ ޤާނޫނުއަސާސީގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ލާޒިމް ކަމެކެވެ.