ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ނޭޕާލް އަތުން ބަލިވެ ފިރިހެނުންގެ ބާސްކެޓްބޯޅަ ޓީމު މުބާރާތުން ކަޓައިފި


ނޭޕާލްގައި މިހާރު ކުރިޔަށްދާ 13ވަނަ ސައުތު އޭޝިއަން ގޭމްސްގައި ފިރިހެނުންގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުންވެސް ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ނޭޕާލާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު އެ ޤައުމުން ކާމިޔާބުކުރީ 76 ޕޮއިންޓް 62 ޕޮއިންޓުންނެވެ.

ދެ ގްރޫޕަކަށް ބަހާލައިގެން ފިރިހެނުންގެ އިވެންޓް ކުރިޔަށްދާއިރު، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެއެވެ. މި ގްރޫޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް އަތުންވެސް ވަނީ ބަލިވެފައެވެ.

ނޭޕާލާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއިން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ސެޓުން ރާއްޖެ ބަލިވީ އެންމެ ޕޮއިންޓެއްގެ ތަފާތުންނެވެ. އެއީ 18 ޕޮއިންޓް 17 ޕޮއިންޓުންނެވެ.

މެޗުގެ ދެވަނަ ކުއާޓަރ ފަށައިގެން ދިވެހި ޓީމުން ވަނީ ލީޑު ނަގާފައެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވަނީސް ނޭޕާލުން ވަނީ ފަހަތުން އަރައި ރާއްޖޭގެ މައްޗަށް ލީޑު ނަގާފައެވެ. ދެވަނަ ކުއާޓަރ ނޭޕާލުން ކާމިޔާބުކުރީ 41 ޕޮއިންޓް 29 ޕޮއިންޓުންނެވެ.

މެޗުގެ ތިންވަނަ ކުއާޓަރ 58 ޕޮއިންޓް 40 ޕޮއިންޓުން ނޭޕާލް ކާމިޔާބުކުރިއިރު، ހަތަރު ވަނަ ކުއާޓަރ ނޭޕާލުން ކާމިޔާބުކުރީ 76 ޕޮއިންޓް 62 ޕޮއިންޓުންނެވެ.

މި މެޗުގައި ރާއްޖޭން އެންމެ ރަނގަޅަށް ކުޅުނީ، މުޙައްމަދު ޒިލާލެވެ. ޒިލާލް ވަނީ މި މެޗުގައި ރާއްޖެއަށް 13 ޕޮއިންޓް ހޯދައިދީފައެވެ. މި މުބާރާތަށްފަހު ޤައުމީ ޓީމުގައި މި ވަގުތުހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ މުޙައްމަދު ޒިލާލް ޤައުމީ ލެވެލްގައި ކުޅުން ހުއްޓާލުމަށް ވަނީ ހަމަޖެހިފައެވެ.