ޚަބަރު

ރިޔާސީ ކޮމިޝަނުން ސުއޫދު އިސްތިއުފާ ދެއްވައިފި


މަރާލާފައިވާ މީހުންނާއި ވީ ނުވީއެއް ނޭނގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން، އެ ކޮމިޝަނުގެ ރައީސް ހުސްނުއްސުޢުދު އިސްތިއުފާ ދެއްވައިފިއެވެ.

ސުއޫދު އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ސުއޫދު ކޮމިޝަނުން އިސްތިއުފާ ދެއްވާފައިވަނީ ސްޕްރީމްކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް އޭނާ އައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ރުހުން ދެއްވާފައިވަނިކޮށެވެ.

ސުއޫދު ސްޕްރީމްކޯޓުގެ ފަޑިޔާރުގެ މަޤާމަށް އައްޔަން ކުރެއްވުމަށް ވޯޓް ދެއްވާފައި ވަނީ 64 މެމްބަރުންނެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން 27 މައްސަލައެއް ބަލާފައިވެއެވެ. މިހާތަނަށް ކޮމިޝަނުން ވަނީ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ މައްސަލައާއި، ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ އިތުރުން ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ރިޕޯޓް ރައީސްއަށް އަރުވާފައެވެ. މީގެ އިތުރުން ގިނަ މައްސަލަތަކެއްގެ ރިޕޯޓް މިހަފްތާގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުވުމަށް ކޮމިޝަނުން ވަނީ ތައްޔާރުވެފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މިހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ އެކޮމިޝަނާއި ހަވާލުކޮށްފައިވާ މަސައްކަތްތައް އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން ނިންމުމަށެވެ. އެ ކޮމިޝަން އުފައްދާފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މަރާލާފައިވާ މީހުންނާއި، ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙުޤީގުކުރާ ކޮމިޝަންގެ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔައަހަރުގެ ނޮވެމްބަރު މަހުގެ 22ވަނަ ދުވަހުއެވެ.