ޚަބަރު

މަސްވެރިންގެ ޕާކުގައި ހަދާ ފާޚާނާބަރި އަންގާރަ ދުވަހު ހުޅުވާނެ


ފަތުރިވެރިންނަށް ޚާއްސަކޮށްގެން މާލޭ މަސްވެރިންގެ ޕާކު ސަރަޙައްދުގައި ހަދާފައިވާ ފާޚަނާ ބަރި އަންނަ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ބޭނުންވާ އެންމެ އެކަށީގެންވާ ޚިދުމަތްތައް ނުލިބުމަކީ ފަތުރުވެރިންގެވެސް އަދި އެޖެންޓުންނާއި ޓުއަރ އޮޕަރޭޓުންގެވެސް ކަންބޮޑުވުމެކެވެ. ރާއްޖެއަށް އަންނަ ކްރޫޒްލައިނާތައް އިތުރުވެ، ފަތުރުވެރިންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިއިން ކޮންމެ ދަތުރެއްގައި ހާހުން ފަތުރުވެރިން މާލެއަށް އަރައެވެ. އަދި ކައިރި ރިޒޯޓްތަކަށް އަންނަ ފަތުރުވެރިންވެސް މާލޭގައި ހުރި އެކި އެކި އާސާރީ ތަންތަން ބަލާލުމަށް ކޮންމެ ދުވަހަކުވެސް މާލެ ޒިޔާރަތްކުރެއެވެ.

މަސްވެރިންގެ ޕާކުގައި އަލަށް ތަރައްޤީކުރި ފާޚަނާބަރިއަކީ ފަތުރުވެރިންނަށް ޚާއްސަކޮށްގެން މާލޭގައި ހެދި މިފަދަ ފުރަތަމަ ފާޚާނަ ބަރިއެވެ. މާލޭ ސިޓީ ކައުންސިލާއި، ޕްލޭނިންގ މިނިސްޓްރީ އާއ އެސްޓީއޯ އަދި އެމްޑަބްލިއުއެސްސީ ގުޅިގެން ކުރިއަށް ގެންދިޔަ މި މަޝްރޫގެ ދަށުން ހަދާފައި ވަނީ 8 ފާޚާނާގެ ފާޚާނާބަރިއެވެ.

އެތަނުގައި ފިރިހެނުންނަށް އަދި އަންހެނުންނަށް ވަކި ޚައްސާކޮށްފައިވާ ފާޚާނާތައް ހިމެނެއެވެ. ސިޓީ ކައުންސިލުން ބުނެފައި ވަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން ހަދާފައިވާ ފާޚާނާއެއްވެސް ހިމެނޭނެ ކަމަށެވެ. މިތަނަކީ ފަތުރުވެރިންނަށް ޚާއްސަ ތަނެއް ނަމަވެސް ދިވެހިންނަށްވެސް ފާޚަނަތައް ބޭނުންކުރެވޭނެއެވެ. ފާޚަނަތައް ބޭނުން ކުރެވޭނީ ޕޭ ޓޮއިލެޓްގެ ގޮތުގައެވެ.

ފާޚާނާ ބަރީގެ އިތުރުން އެތަނުގައި ފަތުރުވެރިންނަށް އަރާމުކޮށްލުމަށް މަޑުކޮށްލައިގެން ތިބެވޭނެ އިންތިޒާމްވެސް ހަމަޖެއްސުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ފާޚަނަ ބަރިއާއި ރެސްޓިންގ އޭރިއާގެ މަސައްކަތް ނިމުމުން އެ ސަރަޙައްދު ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ސިޓީ ކައުންސިލުންނެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ ފަތުރުވެރިންނަށް ބޭނުންވާ އިތުރު ޚިދުމަތްތަކާއިއެކު މަސްވެރިންގެ ޕާކު ސަރަޙައްދު އަދިވެސް އިތުރަށް ތަރައްޤީކުރާނެކަމަށެވެ. އެގޮތުން ޖެޓީ ތަރައްޤިކުރުމާއި، ސަރަޙައްދުގެ ލޭންޑް ސްކޭޕިންގއަށް ބަދަލުގެނައުމާއި، ކެފޭއެއްގެ ޚިދުމަތް ދިނުމަށްވެސް މަސައްކަތް ކުރަމުންދާކަމަށް ވަނީ ބުނެފައެވެ.