ޚަބަރު

ބަރުލަމާނީ ނިޒާމު ގެނެވޭނީ ރައީސުލްޖުމްހޫރިއްޔާ އެކަމަށް ތާއީދު ކުރައްވާނަމަ - ނަޝީދު


ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އާއި، އެމްޑީޕީގެ މެމްބަރުން އެކަމަށް ތާއީދު ކުރެއްވުމުންކަމުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހާއި ޕީއެސްއެމް ގުޅިގެން ބޭއްވި "އާސްކް ސްޕީކަ" ޓޯކްޝޯގައި އާންމު މީހަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މަޖިލިސް ރައީސް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ އެމަނިކުފާނު ސުކޫލު ދައުރުންފެށިގެން ތާއީދު ކުރެއްވި ނިޒާމުކަމަށެވެ. ރާއްޖޭގެ ކަންކަން އޮތް ގޮތުން ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމަކީވެސް ބަރުލަމާނީ ނިޒާމުކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް ރާއްޖޭގެ ރައްޔިތުން ނިންމާފައި ވަނީ ރާއްޖޭގައި އޮންނަންޖެހޭނީ ބަރުލަނާމީ ނިޒާމެއްކަމަށާއި އެހެންކަމުން އެނިޒާމު ބަދަލުކުރަން ބޭނުންނަމަ އެކަން ކުރައްވާނީ ރައްޔިތުންކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި އޮތް ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރެއްވުމުގެ ވިސްނުން ނުގެން ގުޅުއްވާކަމަށް ނަޝީދު ވިދާޅުވިއެވެ. އެފަދަ ކަމެއް ކުރައްވާނަމަ ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވެސް އެކަމަށް ތާއީދު ކުރައްވާ ކަމުގައި ވާނަމަކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ކުރެވޭނީ ރައީސުލް ޖުމްހޫރިއްޔާއާއި، އެމްޑީޕީގެ އާންމުމެންބަރުންގެވެސް ތާއީދާއި އެކުގައިކަމަށެވެ. އެނޫންގޮތަކަށް އެކަން ކުރައްވަން ތާއީދު ކުނުކުރައްވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

"ބަރުލަމާނީ ނިޒާމަކީ އަޅުގަނޑު ސްކޫލު ދައުރުންފެށިގެން ތާއީދު ކުރައްވާނިޒާމު. އެހެންނަމަވެސް ރާއްޖޭގެ ރައްޔިތުންވަނީ ރާއްޖޭގައި އޮންނާނީ ރިޔާސީ ނިޒާމެއްކަމަށް ކަނޑައަޅާފަ. އެމްޑީޕީ ތެރެއިން ބަރުލަމާނީ ނިޒާމަކަށް ތާއީދުކުރާނަމަ އެކަންކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި، އެމްޑީޕީގެ އާންމު މެމްބަރުންވެސް އެކަމަށް ތާއީދުކޮށްގެން. އެއީކީ ވަކި ވަކި ފަރުދުން ބޭނުންވެގެން ކުރެވޭފަދަ ކަންކަމެއްނޫން." ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ 65 ގޮޑި އެމްޑީޕީއަށް ލިބުމާއި، މަޖިލިސް ރައީސްއަކަށް ރައީސް ނަޝީދު ކަނޑައެޅުމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުންވެސް ރައީސް ނަޝީދު ނިޒާމު ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެމަނިކުފަނު މަސައްކަތް ކުރައްމުންދަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުގެ މަޤާމަށް އައުމަށްކަމަށްވެސް ވާހަކަ ދެކެވިފައި ވެއެވެ. ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން. ރޭގެ ޓޯލްޝޯގައި އާންމު ފަރާތްކުން ކުރެއްވި ސުވާލުގެ ޖަވާބުގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް އޮވެއްޖެ ނަމަ، އަދި މެޖޯރިޓީ ޕާޓީގެ ލީޑަރަކަށް އެމަނިކުފާނު ހުންނެވި ނަމަ ބޮޑުވަޒީރަކަށް ވާނީ އެމަނިކުފާނުކަމަށެވެ.

2023 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމާއިމެދު ކުރެއްވި ސުވާލުގައި ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބާއިމެދު އަދި ނުވިސްނަވާކަމަށެވެ. ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދު ކުރައްވާނީތޯ އަދި އެމަނިކުފާނު ނިކުނަވާނީތޯ؟ މިކަމައިމެދު އަދި އެއްވެސް މަޝްވަރާއެއް ކުރެވިފައިނުވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އަބަދުވެސް ޕާޓީތެރޭގައިވެސް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާއި އެކުގައިވެސް ވާހަކަ ދައްކައިގެން ވަރަށް ގިނަ ކަންކަން ހައްލުކުރެވޭކަމަށް ނަޝީދު ވިދާޅުވިއެވެ.

"2023 ގެ އިންތިޚާބާއިމެދު އަދި އަޅުގަނޑު ނުވިސްނަން. ރައީސްއާއި އަޅުގަނޑާއި ދެމީހުން ވަރަށް ގިނަ ކަންކަމުގައި ވާހަކަ ދައްކައިގެން ކަންކަމުގައި ހައްލުހޯދަން. ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަޅުގަނޑު އަބަދުވެސް ތާއީދު ކުރަން. ހަމައެފަދައިން އެމަނިކުފާނުވެސް އަޅުގަނޑަށްވެސް އަބަދުވެސް ތާއީދު ކުރައްވާ." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އިންތިޒާމުކޮށްގެން ބޭއްވި "އާސްކް ސްޕީކަ" ޓޯކްޝޯވއަކީ ކޮންމެ ދައުރެއް ނިންމުމަށްފަހު އާންމުނަށް ހުޅުވާލައިގެން މަޖިލިސް ރައީސްއާއި ސުވާލުކުރެވޭ ގޮތަށް އިންތިޒާމު ކޮށްފައިވާ ޝޯވއެކެވެ. ރޭގެ ޝޯވ ފެށުމާއިއިކު އެތައް ސަތޭކަ ބަޔަކު ފޯނުންނާއި، މެސެޖްކޮށްގެންނާއި، ވީޑިއޯކޯލް މެދުވެރިކޮށް ސުވާލުކުރުމުގެ ޝައުގުވެރިކަން ވަނީ ފާޅުކޮށްފައެވެ.