ވިޔަފާރި

އެމެރިކާއިން ދެކޮޅު ހަދަމުންދަނިކޮށް ޗައިނާއަށް ލޯނު ދޭން ވޯލްޑް ބެންކުން ނިންމައިފި


އެމެރިކާއިން ދެކޮޅު ހަދަމުންދަނިކޮށް ޗައިނާއަށް ކުޑަ އިންޓަރެސްޓަކާއެކު ބޮޑު ލޯނެއް ދިނުމަށް ވޯލްޑް ބެންކުން ނިންމައިފިއެވެ.

ވޯލްޑް ބެންކުން ބުނީ ފަސް އަހަރުގެ ޕްލޭނެއްގެ ދަށުން ޗައިނާއަށް 1.5 ބިލިއަން ޑޮލަރާ ހަމައަށް ލޯނު ދިނުމަށް ވޯލްޑް ބެންކުގެ ބޯޑުން މިދިޔަ ބުރާސްފަތިދުވަހު ނިންމާފައިވާކަމަށެވެ. ވޯލްޑް ބެންކުން ބުނާގޮތުން ޗައިނާއަށް ދޭ ލޯނުން ފިސްކަލް ރީފޯމްތައް ގެނައުމާއި ޕްރައިވެޓް ސެކްޓަރ ތަރައްޤީކުރުމުގެ މަސައްކަތްކުރާނެއެވެ. މީގެ އިތުރުން ޗައިނާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްޙީ ޚިދުމަތާއި އެހެނިހެން އަސާސީ ޚިދުމަތްތައް ފުރިހަމަކުރުމުގެ މަސައްކަތްވެސް މި ލޯނުގެ ސަބަބުން އިތުރަށް ފުރިހަމަވެގެންދާނެކަމަށް ވޯލްޑް ބެންކުން ބުނެއެވެ.

ވޯލްޑް ބެންކުން ޗައިނާއަށް ލޯނެއް ދިނުމަށް ނިންމާފައިވާއިރު، ވޯލްޑް ބެންކުގެ ބޯޑުގައި ހިމެނޭ އެމެރިކާއިން ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ. އެމެރިކާގެ އިސް އޮފިޝަލުން ވިދާޅުވީ ފަގީރު ޤައުމުތަކަށް ލޯނު ދޭ ރޭޓުގައި ވޯލްޑް ބެންކުން ޗައިނާފަދަ ފުދުންތެރި ޤައުމަކަށް ލޯނު ދޫކުރުމަކީ ޤަބޫލުކުރެވޭ ކަމެއް ނޫންކަމަށެވެ.

ނަމަވެސް ވޯލްޑް ބެންކުން ބުނީ އަހަރުން އަހަރަށް ޗައިނާއަށް ދޫކުރަމުންދާ ލޯނުތައް މަދުކުރަމުންދާކަމަށެވެ. އެގޮތުން 2017 ވަނަ އަހަރު 2.4 ބިލިއަން ޑޮލަރު ލޯނުގެ ގޮތުގައި ޗައިނާއަށް ދޫކޮށްފައިވާއިރު، މިދިޔަ އަހަރު އެ އަދަދު އުޅެނީ 1.3 ބިލިއަން ޑޮލަރުގައިކަމަށް ވޯލްޑް ބެންކުން ބުނެއެވެ. އަދި އެންމެ ފަހުން ހަމަޖެހިގެންދިޔަ ލޯނަކީވެސް މިދިޔަ ފަސް އަހަރު ތެރޭގައި ޗައިނާއިން ދޫކޮށްފައިވާ ލޯނުތަކާއި އަޅާބަލާއިރު މަދު އަދަދެއްކަމަށް ވޯލްޑް ބެންކުން ބުނެއެވެ.