ޚަބަރު

ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރެއް އަންނަ މަހު ހުޅުވަނީ


ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލްގައި ތަރައްޤީކުރާ ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރު އަންނަ މަހު ހުޅުވައި، ލޮލުގެ ބަލިތަކަށް ފަރުވާދިނުމުގެ ކޭމްޕެއް ބާއްވަން ނިންމާފައި ވާކަމުގައި އެ ހޮސްޕިޓަލުން ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގައި ހުޅުވާ ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލް އާޝިއާ ޞާލިޙް ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީގައި ހުޅުމާލެ ހޮސްޕިޓަލުގައި ލޮލުގެ ބަލިތަކަށް ޚާއްޞަ ސެންޓަރެއް ހުޅުވުމަށް ހަމަޖެހިފައިވާއިރު، މި ސެންޓަރ އަންނަ މަހުގެ ކުރީކޮޅު ހުޅުވުމަށް މިހާރު ނިންމަވާފައިވާކަމަށެެވެ. އަދި ލޮލުގެ ބަލިތަކަށް ފަރުވާދިނުމުގެ ކޭމްޕެއް ބާއްވަން ނިންމަވާފައި ވާކަމަށްވެސް އާޝިއާ ވިދާޅުވިއެވެ.

ޗައިނާގެ މެޑިކަލް ޓީމަކާއި ހުޅުމާލެ ހޮސްޕިޓަލާއި ގުޅިގެން ބާއްވާ މި ކޭމްޕުގައި ލޮލުގެ ފުސްކެހުން، ގުލަކޯމާ، ހަކުރުބަލީގެ ސަބަބުން ލޮލަށް ލިބޭ ގެއްލުންތައް، އަދި ލޮލުގެ ކޮއެގެ ތަފާތު ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ތިއްބަވާނެކަމަށް އާޝިއާ ވިދާޅުވިއެެވެ. މިކޭމްޕުގައި ފަރުވާދިނުމަށްޓަކައި މިހާރު ބަލިމީހުން ސްކްރީން ކުރަމުންދާކަން ފާހަގަކުރައްވާ އާޝިއާ ވިދާޅުވީ މި ކޭމްޕްގެ ތެރެއިން ނަންބަރު އައިނު ނަގައި ދިނުން ފަދަ ކަންކަން ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައި ވާނެ ކަމަށެވެ. އާޝިއާވަނީ ހުޅުމާލެ ހޮސްޕިޓަލުގެ ނަންބަރު 1417 އަށް ގުޅައިގެން ސްކްރީނިން އެޕޮއިންޓްމަންޓް ހެއްދޭނެކަމަށް އާޝިއާ ވިދާޅުވިއެވެ.

ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ހުޅުމާލެ ހޮސްޕިޓަލްގައި ލޮލުގެ ބަލިތަކަށް ޚާއްސަ ސެންޓަރެއް ހުޅުވާއިރު، މި ސެންޓަރުގައި ޗައިނާގެ މެޑިކަލް ޓީމެއް ފަރުވާދިނުުމުގެ ކަންކަމުގައި ހަރަކާތްތެރިވާނެއެވެ. އަދި ހަމަ މިއާއެކު މި ސެންޓަރު ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ޗައިނާގެ "ޒޮންގްޝެންގ އޮފްތަލްމިކް" ސެންޓަރުން ވަނީ ތަމްރީން ޕްރޮގްރާމްއެއްވެސް ހިންގާފައެވެ.

މި ސެންޓަރު ޤާއިމުކުރަނީ 4 މަރުހަލާއަކަށް ބަހާލައިގެންކަމަށް ޗައިނާ އެމްބަސީގެ ޑިރެކްޓަރ ޝާޝާވީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އެގޮތުން ފުރަތަމަ މަރުޙަލާގައި ހުޅުމާލެ ހޮސްޕިޓަލަށް ވޭތުވެ ދިޔަ އަހަރުތަކުގައި ހަދިޔާކޮށްފައިވާ ވަސީލަތްތަކާއި އައު ވަސީލަތްތަކާއިއެކު ސެންޓަރުގެ ވަސީލަތްތަށް ފުރިހަމަ ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މިސެންޓަރު ފުރަތަމަ ހުޅުވާއިރު ޚިދުމަތް ދިނުމަށް ނިންމާފައިވަނީ ރާއްޖެއިން ފެންނަ ލޮލުގެ 5 ބާވަތެއްގެ ބައްޔަކަށެވެ. އޭގެ ތެރޭގައި ކެޓަރެކްޓް، ގްލަކޯމާ އަދި އެމްޓްރޯޕިއާ ފަދަ ބަލިތަށް ހިމެނެއެވެ.