ސިޔާސީ

ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހަށް ގިނަ މެންބަރުންގެ ތާއީދު


ކައުންސިލްތަކުގެ ރައީސާއި ނައިބު ރައީސް ފިޔަވައި އެހެން ކައުންސިލަރުންނަކީ ޕާޓް ޓައިމް ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ހުށައެޅި އިސްލާހަށް މަޖިލީހުގެ ގިނަ މެމްބަރުން ތާޢީދުކޮށްފިއެވެ.ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް، ހުށައަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ، ދުވަހުން ދުވަހަށް ކައުންސިލް ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރާނީ ކައުންސިލްގެ ރައީސާއި ނާއިބު ރައީސްކަމަށެވެ. އަދި ކައުންސިލްގައި ހިމެނޭ އެހެން މެމްބަރުންގެ މަސްއޫލިއްޔަތުގެ ގޮތުގައި ހަމައެކަނި ހިމެނެނީ، ކައުންސިލްގެ ރަސްމީ ބައްދަލުވުންތަކަށް ހާޒިރުވެ، އެބައްދަލުވުމުގައި އެޖެންޑާކުރެވޭ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކޮށް ގޮތް ނިންމުމާއި، ކައުންސިލްގެ މަޤްޞަދުތައް ހާސިލްކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުންކަމުގައެވެ.މީގެ އިތުރުން މިއިސްލާހުގައި ބުނެފައިވާގޮތުން އަތޮޅު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ދެ މެމްބަރުންނެވެ. އަދި ރަށު ކައުންސިލަށް އެންމެ ގިނަ ވޯޓު ލިބިގެން ހޮވޭ މެމްބަރު އަތޮޅު ކައުންސިލްގައި ހިމެނޭނެކަމަށް މިއިސްލާހްގައިވެއެވެ. މީގެއިތުރުން އަންހެނުން ކޮމެޓީގެ ރައީސާ އަކީ ކައުންސިލުގެ މެމްބަރަކަށްވާނެ ކަމަށްވެސް ޚަލީލް ހުށައެޅުއްވި އިސްލާހުގައިވެއެވެ. މީގެއިތުރުން އާބާދީގައި ފަސް ސަތޭކަ މީހުން ހަމަނުވާ ރަށްރަށުގައި، ރައްޔިތުންގެ ވޯޓަކުން މެމްބަރުން އިންތިހާބު ނުކުރާ ގޮތަށްވެސް މިއިސްލާހުގައި ހިމަނާފައިވެއެވެ.ޚަލީލް ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، ސިޓީ ކައުންސިލްތައް ފިޔަވައި ފަސްސަތޭކަ މީހުންނަށް ވުރެން އާބާދީ ބޮޑު ކޮންމެ ރަށެއްގައި، އިންތިޚާާބު ކުރެވޭ ރަށު ކައުންސިލެއް އޮންނަންވާނެ ކަމަށާއި، އެއަށްވުރެ އާބާދީ މަދު ރަށްރަށް ހިންގާނީ ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި އަތޮޅު ކައުންސިލް މަޝްވަރާ ކުރުމަށް ފަހު ކަނޑައަޅާ އިދާރީ އިންތިޒާމެއްގެ ދަށުން ކަމަށެވެ.މިއިސްލާހަށް ގިނަ މެމްބަރުން ތާއީދުކުރެއްވިނަމަވެސް އިދިކޮޅު އެމްޑީޕީގެ މެމްބަރުން މިއިސްލާހަށް ތާއީދުކޮށްފައެއްނުވެއެވެ.އަބްދުﷲ ޚަލީލު ހުށައަޅުއްވާފައިވާ މިއިސްލާހުގައި ވާގޮތުން 500 އާއި  5000އާ ދެމެދުގެ އާބާދީ އެއް އޮންނަ ރަށްތަކުގެ ކައުންސިލުތަކަށް އިންތިޚާބު ކުރާނީ ހަތަރު ކައުންސިލަރުންނެވެ. އަދި ފަސްހާހާއި، ދިހަހާހާއި ދެމެދުގެ އާބާދީއެއް އޮންނަ ރަށްތަކުގެ ކައުންސިލުތަކަށް އިންތިހާބު ކުރާނީ ހަ ކައުންސިލަރުންކަމަށްވެސް މިިސްލާހުގައިވެއެވެ.