ޚަބަރު

"ރަށްފެހި ޕްރޮގްރާމް ހދ ކުޅުދުއްފުށި " ގެ ނަމުގައި ގަސް އިންދައިފި


"ރަށްފެހި ޕްރޮގްރާމް ހދ ކުޅުދުއްފުށި " ގެ ނަމުގައި ގަސް އިންދައިފިއެވެ. މުޅި ރާއްޖެ ފެހިކުރުމަށް ސަރުކާރުން ހިންގާ "ރަށްފެހި" ޕްރޮގުރާމު ދަށުން ކުޅުދުއްފުށީ މަގުތައް ފެހިކުރުމުގެ ގޮތުން "ރައްފެހި ހދ ކުޅުދުއްފުށި" މިނަމުގައި 100 ގަސް އިންދާފައިވެއެވެ. ކުޅުދުއްފުށީ ކައުންސިލުން އިންތިޒާމް ކޮށްގެން ބޭއްވި މި ޕްރޮގްރާމްގައި ކުޅުދުއްފުށީގެ 27 މުއައްސަސާ އަކުން ވަނީ ބައިވެރިވެފައެވެ.

މިޕްރޮގްރާމް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ކުޅުދުއްފުށީ ކައުންސިލް އިދާރާގައި ވަނީ ކުޑަރަސްމިއްޔާތެއް ބާއްވާފައެވެ. މިރަސްމިއްޔާތުގައި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ކައުންސިލްގެ ރައީސް ޢަބްދުއްލަޠީފް ޙަސަން ދެއްކެވި ވާހަކައިގައި ކުޅުދުއްފުށީގެ މަގުތަކަކީ ކުރިން ގަސްތައް ގިނަ މަގުތަކެއްކަމަށާއި މިހާރު ގޭގޭގަވެސް ގަސް އިންދާނެ ތަނެއްނެތި ހޫނު ގަދަވުމުން ފިނިކުރަން ޖެހެނީ އޭސީ ހަރުކޮށްގެން ކަން ފާހަގަ ކުރެއްވިއެވެ.

ގަސްއިންދުމުގެ ޕްރޮގަރާމުގެ ދަށުން އިއްޔެ ގަސް އިންދާފައިވަނީ ކުޅުދުއްފުށީގެ އަމީނީ މަގާއި ބަންޑާރަމަގުގައެވެ.

މުޅި ރާއްޖޭގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ރަށްފެހި ޕްރޮގުރާމްގެ ދަށުން ކުޅުދުއްފުށީ މަގުތައް ފެހިކުރުމުގެ ޕްރޮގުރާމެއް ކުޅުދުއްފުށީ ކައުންސިލް އިދާރާގެ މުވައްޒަފުންނާއި ކައުންސިލް މެމްބަރު މިދިޔަ ނޮވެމްބަރު މަހުވެސް ކުރިއަށް ގެންދިޔައެވެ.