ޚަބަރު

ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް އިޢުލާންކުރުން އަންނަ ބުރާސްފަތިދުވަހު


ފަތުރުވެރިކަމަށް އަލަށް ދޫކުރާ ރަށްތައް އަންނަ ބުރާސްފަތިދުވަހުގެރޭ އިޢުލާންކުރަން ޓުއަރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ގެސްޓް ހައުސްތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ހަވާލުކުރުމަށް، ކައުސިލްތަކަށް ކުރިއަށްގެންދިޔަ ތަމްރީން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދު ވިދާޅުވީ ޓުއަރިޒަމަށް ދޫކުރާ ރަށްތަށް ކަނޑައެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. ނަމަވެސް ރަށްތަކުގެ އަދަދާއި ރަށްތަކުގެ މަޢުލޫމާތު މިނިސްޓަރ ޙިއްސާކޮށްފައެއް ނުވެއެވެ.

"މިކަން މިކުރަނީ މިނިވަން އޮޑިޓަކާއި، ކެބިނެޓާއި ރައިސްގެވެސް ލަފަޔާއިއެކު."މިނިސްޓަރ ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ ކުރިން މާލެއާ ކައިރިން ރަށްތައް ދޫކުރިނަމަވެސް، މިފަހަރު ރާއްޖޭގެ އެންމެ އުތުރުންނާއި ދެކުނުންވެސް ރަށްތައް ދޫކުރާނެކަމަށެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ ހަފްލާގައި ރަށްތައް އިޢުލާންކުރުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭގޮތުން އެއްކޮށްފައިވާ އެކިއެކި ތަފާސް ހިސާބުތަކާއި، އަދި މުހިންމު ގިނަ މަޢުލޫމާތުތަކެއް ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީއިން ވިދާޅުވިއެވެ. އަދި ޓުއަރިޒަމް މެގަޒިން އިފްތިތާހްކުރުމާއި، "އެކްސްޕީރިއެންސް މޯލްޑިވްސް"ގެ ނަމުގައި ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓްރީ އަދި ޓުއަރިޒަމް މިނިސްޓްރީ އެޕްލިކޭޝަންއާއި ގުޅޭ ތަފްސީލްތައް ހިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.