ޚަބަރު

ކައުންސިލްތަކުން އިންސްޕެކްޓްކުރަން ފެށުމުން ރައްޔިތުންގެ ޖީބަށް ލުއިވާނެ - ޓޫރިޒަމް މިނިސްޓަރ


ގެސްޓް ހައުސްތައް އިންސްޕެކްޓްކުރުމުގެ މަސައްކަތް ކައުސިލްތަކާއި ހަވާލުކުރުމާއެކު ރައްޔިތުންގެ ފައިސާއިން މިކަމަށް ކުރާ ހޭދައިން ވަރަށް ބޮޑު ބައެއް ސަލާމަތްކުރެވޭނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަޙީދު ވިދާޅުވެއްޖެއެވެ.

ޓްއަރިޒަމް މިނިސްޓަރ މިހެން ވިދާޅުވީ ގެސްޓް ހައުސްތަކާއި ސިޓީ ހޮޓާ އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކައުންސިލްތަކާއި ހަވާލުކުރުމަށްޓަކައި ކައުންސިލްތަކަށް ބޭއްވި ތަމްރީން ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރަށްރަށުގައި ލޯކަލް ޓުއަރިޒަމްގެ ޚިދުމަތް ދިނުމަށް ހަދާ ގެސްޓްހައުސްތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ޓުއަރިޒަމް މިނިސްޓްރީއިން މިހާރުވަނީ ކައުންސިލްގެ މެންޑޭޓްގެ ތެރެއަށް ބަދަލުކުރުމަށް ނިންމާފައެވެ. މީގެކުރިން މި މަސައްކަތް ކުރަމުން އައިސްފައިވަނީ އާއްމުންގެ އަތުން ބޮޑެތި ޚަރަދުކޮށް، މާލެއިން އިންސްޕެކްޝަން ޓީމްތައް ރަށްރަށަށް ގެންގޮސްގެންނެވެ.

މިމަސައްކަތް ކައުންސިލްތަކާއި ހަވާލުކުރުމަށް، ކައުންސިލްތަކަށް ތަމްރީން ދިނުމުގެ ޕްރޮގްރާމްގައި 152 ކައުންސިލުންވަނީ ބައިވެރިވެފައެވެ.

ތަމްރީން ޕްރޮގްރާމް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިރުންގެ އަތުން ކުރަންޖެހޭ ހޭދަ ކުޑަކޮށް، ޢާއްމުންނަށް ލިބޭ އާމްދަނީ އިތުރުކޮށްދިނުމަށްކަމަށެވެ.

ވޭތުވެދިޔަ ތަނުގައި މިފަދަ ވިޔަފާރުކުރާ ތަންތަން އިންސްޕެކްޓް ކުރުމަށް މާލެއިން މިނިސްޓްރީގެ ޓީމްތައް ގެންދިއުމަށް ޢާއްމުންގެ އަތުން ބޮޑެތި ހޭދައެއް ކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދުންފެށިގެން މިކަމަށް އެއްވެސް ހޭދައެއް ކުރަން ނުޖެހޭނެކަމަށާއި، މިއީ އާ ވިޔަފާރިތަކާއި އިންވެސްޓަރުން އިތުރުކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ބައިލައްކައެއްހާ ރުފިޔާ އެބަދޭ ގެސްޓްހައުސް އިންސްޕެކްޓްކުރަން މީހުން ގެންދަން. ދުރު ހިސާބުތަކަށް ދާންވެސް އެތަށް ދުވަހެއް އެބަ ނަގާ. އިންސްޕެކްޝަނުން ފެއިލްވެއްޖެއްޔާ، ރަނގަޅުކޮށް އަނެއްކާ މީހުން ގެންދަން ހަމަ މިވަރަށް އެބަ ހޭދަކުރަންޖެހޭ." މިނިސްޓަރ ވިދާޅުވިއެވެ..

ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަން އިންސްޕެކްޓްކުރުމުގެ މަސައްކަތް ކައުންސިލުތަކާ ޙަވާލުކުރުމަށް ނިންމާފައިވާއިރު، ޓޫރިޒަމް މިނިސްޓްރީއިން ވަނީ މިއަހަރު ކުރީކޮޅު ގެސްޓްހައުސްތަކާއި ސިޓީ ހޮޓާ އިންސްޕެކްޓް ކުރުމުގެ ޕްރޮގްރާމެއް ހިންގާފައެވެ. މި ޕްރޮގްރާމްގައި 1000 އަށްވުރެ ގިނަ ތަން އިންސްޕެކްޓްކޮށްފައިވާއިރު، ރެޖިސްޓަރ ނުކޮށް ހިންގާ ތަންތަންވެސް ފާހަގަވިކަމަށް މިނިސްޓަ ވިދާޅުވިއެވެ.

ކައުންސިލުތަކުން އިންސްޕެކްޓްކުރުމުގެ މަސައްކަތް ފެށުމުން ގެސްޓްހައުސް، ސިޓީ ހޮޓާ އަދި ޓްރެވަލް އެޖެންސީތައް ކައުންސިލްތަކުން އިންސްޕެކްޓް ކުރުމަށްފަހު އެކަމުގެ ރިޕޯޓް މިނިސްޓްރީއަށް ފޮނުވަން ޖެހެއެވެ.

ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގި ތަމްރީން ޕްރޮގްރާމުގެ ތެރެއިން ވަނީ ޓްރެވެލް އެޖެންސީތައް ޤާއިމުކުރުމުގައި އެހީވެދިނުމާއި، އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭން ވީހާވެސް ފައިދާވާނެހެން ހަދާނެ ގޮތާއި ގުޅޭގޮތުން، ކަމާއި ގުޅޭ މިނިސްޓްރީތައް މެދުވެރިކޮށް ކައުންސިލްތަކަށް މަޢުލޫމާތު ދީފައިވެއެވެ.

ޓުއަރިޒަމް މިނިސްޓަރ ވިދާޅުވީ ސަރުކާރުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ބަދަލުތަކަކާއެކު އަންނަ އަހަރު ފެންނަން ފަށާނެކަމަށެވެ.