ޚަބަރު

މާލީ ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ ބޮޑު މިންވަރެއް ކަނޑައެޅުމަށް ފާސްކޮށްފި


ދައުލަތުން އެކި ފަރާތްތަކާއެކު ހަދާ އެއްބަސްވުންތައް އުވާލުމުން ނުވަތަ އެއްބަސްވުމާއި ޚިލާފުވުމުން ދިމާވާ މައްސަލަތަކުގައި ގެއްލުމުގެ ބަދަލު ދިނުމުގައި ދެވޭނެ އެންމެ މަތީ މިންގަނޑެއް ކަނޑައެޅުމަށް ހުށަހެޅި ގަރާރު މަޖިލީހުން ފާސްކޮށްފިއެވެ.

ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ހުށަހެޅުއްވި ގަރާރު، މާލިއްޔަތު ކޮމިޓީން ގެނައި އިސްލާހުތަކާ އެކު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެމްބަރުންގެ ވޯޓާއިއެކުއެވެ. ދައުލަތުގެ ނަމުގައި އެކިފަރާތްތަކާއެކު ހަދާ އެއްބަސްވުންތައް އުވާލުމާއި އެއްބަސްވުންތަކުގައި އުފެދޭ ޚިލާފްތަކައި ގުޅިގެން ބަދަލުދޭން ޖެހުމަކީ ސަރުކާރުން އުފުލަންޖެހޭ ވަރަށްބޮޑު ތަކުލީފެއްގެ ގޮތުގައި މެމްބަރުންވަނީ ފާހަގަކުރައްވާފައެވެ.

މާލިއްޔަތު ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމުން ފާސްކުރި ރިޕޯޓުގައި ސަރުކާރުން ސޮއިކުރާ އެއްބަސްވުންތަކުގައި ބަދަލުގެ ގޮތުގައި ދެވޭނެ އެންމެ މަތީ މިންވަރެއް ކަނޑައަޅަން ޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. އަދި މިކަން ސަރުކާރުގެ ހުރިހާ ވުޒާރާތަކަށް ލާޒިމުކުރާ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދު އިސްލާހު ކުރަން ފިނޭންސް މިނިސްޓްރީއަށް އެންގުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެއްބަސްވުންތަކުގައި ބަދަލު ދެވޭނެ އެންމެ މަތީ މިންގަނޑު ކަނޑައަޅައި، އެއްބަސްވުންތަކުގައި ހިމެނުމަށް އެޓާނީ ޖެނެރަލް އޮފީހަށް އެންގުމަށްވެސް ކޮމިޓީ ރިޕޯޓުގައި ހިމަނާފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި ސަރުކާރުން މިހާތަނަށް ބަދަލުގެ ގޮތުގައި ބިލިއަަނެއްހާ ރުފިޔާ ވަނީ ކުންފުނިތަކަށް ދޫކޮށްފައެވެ.