ޚަބަރު

ޗުއްޓީއަށް ދިޔައިރު %53 މަސައްކަތް ނިމިއްޖެ - މަޖިލީހުގެ ރައީސް


ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުނިމި 2 މަސްދުވަހުގެ ޗުއްޓީއަކަށްދިޔައިރު، 53 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މަޖިލީހުން މިދިޔަ ދެ ދައުރުގައި ފާހަގަކޮށްލެވޭ މުހިންމު މަސައްކަތްތަކެއް ކުރިކަން މަޖިލީހުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ މަސައްކަތް ނިންމައި 2 މަސްދުވަހުގެ ޗުއްޓީއަށް ގޮސްފައިވަނީ މިއަދުއެވެ. މިއަދުގެ ޖަލްސާގެ މަސައްކަތްތައް ނިންމަވާލެއްވުމަށްފަހު މެމްބަރުންނާއި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މިހާ ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނީ މެންބަރުން ކުރެއްވި ބުރަ މަސައްކަތާއި، ދެއްވި އަގުހުރި ވަގުތުގެ ސަބަބުން ކަމަށެވެ. މަޖިލީހުން މިދައުރުގައި ކުރި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރައްވާފައިވަނީ އަންނަ އަހަރަށް ދައުލަތުން ހުށަހެޅި 37.8 ބިލިޔަން ރުފިޔާގެ ބަޖެޓް ފާސްކުރުމެވެ. މީގެ އިތުރުން ލާމަރުކަޒީ ޤާނޫނަށް ގެނައި ބޮޑު ބަދަލާއި، މަސްވެރިންގެ ޤާނޫނަށް ގެންނަން ފާސް ކުރި އިސްލާހުތަކަކީ މިއަދުރުގައި ކުރެވުނު އެންމެ މުހިންމު މަސައްކަތްތަކުގެ ގޮތުގައި މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގައި ކުރެވުނު މަސައްކަތްތަކަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިދައުރުގެ 33 ޖަލްސާގައި 128 ގަޑިއިރާއި 37 މިނެޓު ހޭދަކޮށްފައިވާ ކަމަށެވެ. އަދި މެމްބަރުން 92 އިންސައްތައަށް ޖަލްސާތަކަށް ވަޑައިގެންނެވި ކަމަށެވެ. އަދި 395 ކޮމިޓީ ބައްދަލުވުމެއް ބޭއްވިއިރު، 441 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރާއި ދެވަނަ ދައުރުގެ ތަފާސް ހިސާބުތަކަށް އަލި އަޅުވާލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ ފުރަތަމަ ދައުރުގައި މަޖިލީހަށް ހުށަހެޅިފައިވަނީ 16 ބިލެއްކަމަށެވެ. އަދި މި ނިމުނު ދައުރުގައި 23 ބިލެއް މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ. ދެ ދައުރުގައި ހުށަހެޅުނު ބިލްތަކުގެ ތެރެއިން މަޖިލީހުން ނިމިފައިވަނީ 11 ބިލެކެވެ. ނުނިމި 28 ބިލެއްވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. ނަވާރަ ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި 12 ގަރާރެއް ހުށަހަޅާފައިވެއެވެ. އަދި ފަހު ދައުރުގައި 15 ޤަރަރާރެއް ވަނީ ހުށަހަޅާފައެވެ. އަދި މެންބަރުން ހުށަހެޅުއްވި ހުރިހާ މައްސަލައެއް 2 ދައުރުގައިވެސް ނިމިފައިވާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ މިދައުރަށް ބަލާއިރު މިދައުރަކީ މުހިންމު ގިނަ މަސައްކަތްތަކެއް ކުރި ދައުރެކެވެ. އެގޮތުން މިދައުރުގެ ތެރޭގައި އިންކަމްޓެކްސްގެ ބިލް ފާސްކުރުމާއި، ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް އިސްލާހު ގެނައުމާއި، އިލްކެޝަންސް ކޮމިޝަނަށާއި، ބްރޮޑްކާސްޓިން ކޮމިޝަނަށާއި، މީރާގެ ހުސްވެފައިވާ މަޤާމުތަކަށްވެސް ވަނީ ބޭފުޅުން އައްޔަންކޮށްފައެވެ. އަދި މަރުހޫމް ޑރ.އަފްރާޝީމްގެ ރިޕޯޓް މަޖިލީހުންވަނީ މިދައުރުގައި އާންމުކޮށް އޭގައި ޝާމިލުވާ ބައެއް ފަރަތްތަކާމެދު ދައުވާކުރުމަށް ޕީޖީއަށްވެސް ފޮނުވާފައެވެ.