ވިޔަފާރި

ފަސިންޖަރުންގެ އަތުން ނަގާ ފީ ބޮޑުކުރުމަށް ޤާނޫނަށް އިސްލާހު ހުށަހަޅައިފި


އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ނަގަމުންދާ ފީ ބޮޑުކުރުމަށް ސަރުކާރުން ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އާއި އެއަރޕޯޓް ސަރވިސް ޗާޖު ބޮޑުކުރުމަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ދިވެހިރާއްޖެއިން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމުގެ ޤާނޫނަށެވެ.

ސަރުކާރުން އޭޑީއެފް ބޮޑުކުރުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައިވެސް އޭޑީއެފް އާއި އޭއެސްސީގެ ރޭޓްތައް ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.

ބަޖެޓުގައި ހުށަހަޅާފައިވާ ގޮތުން އޭޑީއެފްއާއި އޭއެސްސީގެ ރޭޓްތަކަކީ، އިކޮނޮމީ ކްލާސްއިން ދަތުރުކުރާ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 30 ޑޮލަރެވެ. އަދި ބިޒްނަސް ކްލާސްއިން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރެވެ. އަދި ފަސްޓް ކްލާސްއިން ދަތުރުކުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރެވެ.

ސަރުކާރުން ލަފާކުރާ ގޮތުން އޭޑީއެފްއާއި އޭއެސްސީގެ ރޭޓްތައް ބަދަލުކުރުމުން ދައުލަތުގެ އާމްދަނީއަށް 319.2 މިލިއަން ރުފިޔާ އިތުރުވާނެއެވެ.

އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި މިހާރު ނަގަމުންދަނީ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރު އަދި ކޮންމެ ބިދޭސީއެއްގެ އަތުން 25 ޑޮލަރެވެ. އަދި އެއަރޕޯޓް ސަރވިސް ޗާޖުވެސް މިހާރު ނަގަމުންދަނީ މިރޭޓުތަކުންނެވެ.