ވިޔަފާރި

މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފި


މަސްވެރިޔާ ކާޑު ބޭނުންކޮށްގެން އެއްލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަންގެ ތެރެއިން މަސްވެރިޔާ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް އެއްލައްކަ ރުފިޔާ ލިބޭނެކަމަށެވެ. އަދި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މާޗުމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ތަޢާރަފްކުރި މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓްއަކީ މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭ ވަސީލަތެކެވެ.

މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓާއެކު މަސްވެރިންނަށް ޑިޖިޓަލް ވޮލެޓަކާއި ލިންކުކޮށްފައިވާ ހާއްސަ ކާޑެއް ބޭނުންކޮށްގެން ފަސޭހަކަމާއެކު ބޭންކިންގ މުއާމަލާތްތައް ހިންގެއެވެ. މަސްވެރިޔާ ކާޑަކީ ދޯނީގެ ކެޔޮޅުންނާއި ފަޅުވެރިންނަށް ފައިސާ ލިބިގަތުމަށާއި ކުރަންޖެހޭ ޚަރަދުތައްކުރުމަށް ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ކާޑެކެވެ.

މި ކާޑު ޕީއޯއެސް، އޭޓީއެމް އަދި ކޭޝް އެޖެންޓް ޚިދުމަތް ހޯދުމަށްވެސް ބޭނުންކުރެވޭނެއެވެ. އަދި އޮންލައިން ވިޔާފާރިކުރުމަށާއި ރާއްޖެއިން ބޭރުގައިވެސް މިކާޑު ބޭނުން ކުރެވޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ.