ޚަބަރު

ޢާއްމުންގެ ފަރާތުން ޖޭއެސްސީއަށް އައްޔަންކުރަން ހުށަހެޅި 2 ނަންވެސް އަނބުރާ ފޮނުވާލައިފި


ޖުޑީޝަލް ސާވިސް ކޮމިޝަނަށް އާންމުންގެ ފަރާތުން ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ޖުޑިޝަރީ ކޮމިޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވި އަޙްމަދު ސާވީ އާއި ޙުސައިން އަމްރުގެ ނަމަށް ރުހުން ނުދީ އަނބުރާ ފޮނުވާލައިފިއެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅާ މެމްބަރެއްގެ ގޮތުގައި ސާވީ ކަނޑައެޅުމަށް ނެގުނު ވޯޓްގައި އޭނާ އެމަގާމަށް އައްޔަން ކުރެއްވުމަށް ފެންނަކަމަށް ވޯޓް ދެއްވާފައިވަނީ 1 މެމްބަރެކެވެ. ނުފެންނަކަމަށް ވޯޓް 60 މެމްބަރުން ވޯޓު ދެއްވިއެވެ.

އެއަށްފަހު ވޯޓަށް އެހި އަމްރުގެ ނަމަށް ވޯޓަށް އެހުމުން ވޯޓްގައި ބައިވެރިވި 60 މެމްބަރުންވަނީ އޭނާ އެމަގާމަށް އައްޔަންކުރުމަށް ނުފެންނަކަމަށް ވޯޓްދެއްވާފައެވެ.

މަޖިލީހުން މިގޮތަށް ނިންމުމުން ރައީސް އޮފީހުން މިމަޤާމަށް އަލުން ހުޅުވާލާނެއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނަށް އާންމުގެ ތެރެއިން ކަނޑައަޅާ މެމްބަރަކު ހޮވުމަށް ހުޅުވާލި ފުރުޞަތުގައި 6 ބޭފުޅަކު ވަނީ ކުރިމަތިލާފައެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ފިޔަވާ ސްޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެކޯޓުތަކުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެތެރެއިން އެކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރަކާއި، އާންމުންގެ ތެރެއިން ރައްޔިތުންގެ މަޖިލިހުން ކަނޑައަޅާ މީހަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން އެމަޖިލީހުން ކަނޑައަޅާ މެންބަރަކާއި، ރައީސުލްޖުމްހޫރިއްޔާ ކަންޑައަޅުއްވާ މެންބަރެއްގެ އިތުރުން ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ދައުލަތުގެ ބަންޑާރަ ނައިބެވެ.

ޖޭއެސްސީގައި 9 މެމްބަރުން ތިއްބަވާއިރު މިހާރު ހުސްކޮށް އޮތީ އާންމުންގެ ތެރެއިން މަޖިލީހުން ކަނޑައަޅާ މެމްބަރުގެ މަޤާމް އެކަންޏެވެ.