ޚަބަރު

މުޢުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް މަޖިލީހުން ރުހުންދީފި


އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް މުޢުތަސިމް އަދުނާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުއްތަމަ ފަޑިޔާރުގެ މަޤާމަށް މުޢުތަސިމް އައްޔަންކުރެއްވުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. އޭނާ އެމަޤާމަށް އައްޔަން ކުރެއްވުމަށް ނުފެންނަކަމަށް އެއްވެސް މެންބަރަކު ވޯޓު ދީފައެއް ނުވެއެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރުކަމަށް ޙުސްނުއްސުޢޫދު ޢައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އަޤްލަބިއްޔަތުންނެވެ. އޭނާ އެ މަޤާމަށް އައްޔަންކުރަން ނުފެންނަކަމަށް 1 މެމްބަރަކު ވަނީ ވޯޓުދެއްވާފައެވެ.

އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވި މުޢުތަސިމް އަދުނާނަކީ 2010 ވަނަ އަހަރުން 2014 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 14 ވަަނަ ދުވަހުގެ ނިޔަލަށް ސުޕްރީމްކޯޓުގެ ފަނޑިޔާރުކަން ކުރެއްވި ބޭފުޅެކެވެ. އޭނާ ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމުން ވަކިވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު ޤާނޫނަށް ބަދަލު ގެނެސް ސުޕްރީމްކޯޓްގެ ފަނޑިޔާރުންގެ އަަދަދު ފަހަކަށް ބަދަލުކުރުމުންނެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް މަޖިލީހުން ރުހުން ދެއްވި ހުސްނުއްސުޢޫދަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ބަންޑާރަ ނާއިބުގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. މިހާރު އޭނާ ހުންނެވީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް ޞާލިހު އެކުލަވާލެއްވި ކޮމިޝަންގެ ރައީސްގެ މަޤާމުގައެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް މުޢުތަޞިމް އަދުނާނާއި ޙުސްނުއްޞުއޫދު އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެ ދެ ބޭފުޅުންގެ ނަންފުޅު ޖޭއެސްސީގެ ލަފަޔަކަށް އެދިވަޑައިގެން އެ ކޮމިޝަނަށް ނަންފުޅުތައް ފޮނުއްވީ މިދިޔަ މަހުގެ 28 ވަނަދުވަހުއެވެ.

މުޢުތަސިމް އާއި ހުސްނުއްސުޢޫދުގެ އިތުރުން ސުޕްރީމްކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމަށް ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވިި އަބްދުއްރަޢޫފުގެ ނަންފުޅުވެސް ޖޭއެސްސީއަށް ފޮނުއްވެވިއެވެ. ނަމަވެސް އޭނާއާ ގުޅޭގޮތުން ހުށަހެޅިފައިވާ ޝަކުވާތަކަކާ ގުޅިގެން، އެމައްސަލަތައް ބަލަމުންގެންދާތީ އޭނާގެ ނަންފުޅު ޖޭއެސްސީން މަޖިލީހަށް ފޮނުއްވާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެންނަމުންދާއިރު، ކުރިން އެކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި، އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއާއި، ފަނޑިޔާރު އާދަމް މުހައްމަދާއި، ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ވަނީ މަޤާމުން ވަކިކޮށްފައެވެ. އަދި ފަނޑިޔާރު އަބްދުﷲ އަރީފް ވަނީ ރިޓަޔާކުރައްވާފައެވެ.

ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބެވީ އެކޯޓު ހިންގުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވާ ފަނޑިޔާރު ޑރ.އަޒްމިރަލްދާ ޒާހިރުއާއި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރުއެވެ.