ވިޔަފާރި

މަސްވެރިންގެ ދުވަހަށް ޚާއްސަކޮށްގެން ބާއްވާ ފިޝަރީޒް އެކްސްޕޯ ފަށައިފި


މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ޚާއްސަ ފިޝަރީޒް އެކްސްޕޯ ފަށައިފިއެވެ.

މި އެކްސްޕޯ ފައްޓަވައިދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބާއްވާ މި އެކްސްޕޯ ކުރިއަށް ދަނީ ހުޅުމާލޭ ހުރަވީ ސްކޫލްގައެވެ. މި އެކްސްޕޯ ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙާއި މިނިސްޓަރ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދާއި، ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި، ސަރުކާރުގެ އެކި މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ފައްޓަވައިދެއްވައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓަރ ޒަހާ ވަހީދު ވިދާޅުވީ، މި އެކްސްޕޯ ބޭއްވުމުގެ މަޤްސަދަކީ މަސްވެރިކަމުގައި ކުންފުނިތަކުން ބޭނުންކުރާ އާލާތްތަކާއި އުފެއްދުންތައް އާންމުންނަށް އެއްތަނަކުން ދައްކާލައި އެ އުފެއްދުންތައް ޕްރޮމޯޓްކުރުމަށް މަގު ފަހިކޮށްދިނުމަށް ކަމަށެވެ. މިއީ މި އެކްސްޕޯ ބާއްވާ 3 ވަނަ ފަހަރުކަމަށާއި، އެހެން އަހަރުތަކާއި ހިލާފަށް މިއަހަރުގެ އެކްސްޕޯގައި ރާއްޖެއިން ބޭރުގެ ކުންފުނިތަކުންވެސް ބައިވެރިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މި އެކްސްޕޯގެ މަޤްސަދަކީ މަސްވެރިކަމުގައި ބޭނުންކުރާ ތަފާތު އާލާތްތަކާއި، ވަސީލަތްތަކާއި، އައު ޓެކްނޮލޮޖީތައް އެއްފުރާޅެއްގެ ދަށުން ފެނިގެންދިއުން. މި އެކްސްޕޯގައި ޖުމްލަ 14 ފަރާތަކުން ބައިވެރިވެފައިވޭ. އެހެން އަހަރުތަކާއި ހިލާފަށް މިއަހަރު ބޭރުގެ 1 ކުންފުންޏަކުން ބައިވެރިވެފައިވޭ." މިނިސްޓަރ ޒަހާ ވިދާޅުވިއެވެ.

މި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލީ ނޮވެމްބަރުމަހުގެ ތެރޭގައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެކްސްޕޯގައި ބައިވެރިވި ބައެއް ކުންފުނިތަކުން ވިދާޅުވީ، މިއީ މުހިންމު އެކްސްޕޯއެއްކަމަށާއި، މި އެކްސްޕޯގެ ސަބަބުން އެ ވިޔަފާރިތައް ޕްރޮމޯޓްކުރުމަށް ރަނގަޅު ޕްލެޓްފޯމެއް ހުޅުވިގެންދާނެކަމަށެވެ.

މި އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 6 ވަނަ ދުވަހުން 8 ވަނަ ދުވަހުގެ ނިޔަލަށެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އެ މިނިސްޓްރީން މިފަހަރު ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މަސްވެރިކަމުގެ މަސް ދަތުރާއި، މަސްވެރިންގެ ފޯރަމަކާއި، މަސްކެނޑުމުގެ މުބާރާތެއްގެ އިތުރުން މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތު ހިމެނެއެވެ.