ޚަބަރު

ރައްޔިތުންގެ ލޯލާރިއަކަށް ޚިޔާނާތްތެރި ވިޔަސް ފިޔަވަޅު އަޅަން ފަހަތަކަށް ނުޖެހޭނަން - ޝިއުނާ


ރައްޔިތުންގެ މުދަލުން އެންމެ ލޯލާރިއަކަށް ޚިޔާނާތްތެރިވާ މީހާއާއި މެދުވެސް ފިޔަވަޅު އެޅުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ އެންޓިކޮރަޕްޝަން ދުވަހާއި ގުޅިގެން އެންޓިކޮރަޕްޝަން ކޮމިޝަނުން ހުޅުމާލޭގައި ބޭއްވި ހިނގާލުން ފައްޓަވައި ދެއްވައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ކޮރަޕްޝަންގެ ވަބާއަކީ މުޖުތަމަޢުގައި އަށަގަނެފައިވާ އެންމެ ނުބައި އާދަކަމަށެވެ. މިކަމުން ސަލާމަތް ވާނީ ހުރިހާ ރައްޔިތުން އެއްބައިވަންތަކަމާއެކު މަސައްކަތް ކޮށްގެންކަމަށް ޝިއުނާ ވިދާޅުވިއެވެ.

ސަރުކާރުގެ އެއްވެސް ވުޒާރާއެއްގެ ވެރިއަކުވެސް އަދި މުވައްޒަފަކުވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންކަން ކުރާނަމަ އެކަމެއް ބެލުމުގައި އޭސީސީން ފަހަތަށް ނުޖެހޭނެކަން ފާހަގަކުރައްވައި، ޝިއުނާ ވިދާޅުވީ ނުފޫޒުން އެއްކިބާވެތިބެ މިނިވަންކަމާއެކު، އަދުލުވެރިކަމާއި އިންސާފު ޤާއިމްކުރުމުގައި އޭސީސީން ކުރަންޖެހޭ ހުރިހާކަމެއް ކުރާނެކަމަށެވެ. ކޮރަޕްޝަނާއި ދެކޮޅަށް އޭސީސީން މިއަދު "ބަންޑާރަ ކަފަ"ގެ ނަމުގައި ހިނގާލުމެއް ބޭއްވުމުގެ ބޭނުމަކީވެސް ކޮރަޕްޝަނުން މުޖުތަމައުގެ ހުރިހާ ފަރާތްތަކެއް ސަލާމަތްކޮށް އެވަބާއިން ދުރުވުމަށް ގޮވާލުން ކަމަށްވެސް އޭސީސީގެ ރައީސް ވިދާޅުވިއެވެ.

މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވިކަން ފާހަގަކުރައްވަމުން ޝިއުނާ ވިދާޅުވީ މިއީ ރާއްޖޭގެ ރައްޔިތުން ކޮރަޕްޝަންގެ އަމަލުތަކާމެދު ނުރުހޭ މިންވަރު ހާމަވާކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ޤައުމެއްގެ ހަމަޖެހުމާއި ތަރައްޤީއާއި، ކުރިއެރުން ދެމިއޮންނާނީ ވައްކަމާއި ފަސާދައިގެ އަމަލުތައް ހުއްޓުވިގެންކަމަށާއި އެކަން ކުރުމަށްޓަކައި ޒިންމާ ހަވާލުވެފައިވާ މުއައްސަސާއެއްގެ ވެރިއެއްގެ ހައިސިއްޔަތުން ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރައްވާނެ ކަމަށެވެ.

ކޮރަޕްޝަނަކީ ޤައުމުގެ އިޤްތިޞާދު އިނދަޖައްސާލައި އިޖުތިމާއީ ހަމަހަމަކަން ނަގާލާ ވަބާއަކަށް ވާއިރު، މި ނުރައްކާތެރި ވަބާއިން މުޅި މުޖުތަމައު ސަލާމަތްވުމަށް އޭސީސީގެ ރައީސްވަނީ ގޮވާއްލައްވާފައެވެ. ކޮރަޕްޝަންގެ ސަބަބުން ގެއްލިގެން ދަނީ ހަމައެކަނި ފައިސާ ނޫންކަމަށާއި، އެތައްރައްޔިތުންގެ އުންމީދުވެސް ގެއްލިގެންދާކަން އޭސީސީގެ ރައީސް ޝިއުނާ ވަނީ ފާހަގަކުރައްވާފައެވެ.

"ބަންޑާރަ ކަފަ" މި ނަމުގައި އޭސީސީން ބޭއްވި މި ހިނގާލުމުގައި އެކި އޮފީސްތަކާއި ގިނަ އަދަދެއްގެ އާންމުންވެސް ބައިވެރިވިއެވެ. ކޮރަޕްޝަނާއި ދެކޮޅަށް އޭސީސީން ކުރާ މަސައްކަތުގެ ދަށުން ބޭއްވި މި ހިނގާލުމަކީ ކުރިއަށް އޮތް 5 އަހަރަށް އެ ކޮމިޝަނުން ހިންގާ ހަރަކާތްތަކުގެ ފެށުންކަމަށްވެސް އޭސީސީގެ ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތްތަނުގައި ކޮރަޕްޝަނާއި ދެކޮޅަށް ގިނަ ހަރަކާތްތަކެއް ރޭވިފައިވާކަމަށްވެސް ޝިއުނާ ވިދާޅުވިއެވެ.