ކުޅިވަރު

ސައުތު އޭޝިއަން ގޭމްސް: ފިރިހެނުންގެ ބާސްކެޓު ޓީމު ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެ


ނޭޕާލުގެ ކަތުމަންޑުއާއި ޕޮކާރާގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ފިރިހެނުންގެ ބާސްކެޓު ބޯޅަ އިވެންޓުގައި ރާއްޖޭގެ ޤައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުން، ވާދަވެރި ކުޅުމަކަށް ފަހު ބަނގްލަދޭޝް އަތުން ދިވެހިރާއްޖެ ބަލިވެއްޖެއެވެ.

މި މެޗުން ރާއްޖެ ބަލިވީ 78 ޕޮއިންޓް 67 ޕޮއިންޓުންނެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެއާއި ބަނގްލަދޭޝް މިއަދު ކުޅުނު މެޗުގެ ފުރަތަމަ ކުއާޓަރގައި ރާއްޖޭން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރ ނިމުނުއިރު ރާއްޖެ އޮތީ 10 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއީ 19 ޕޮއިންޓް 9 ޕޮއިންޓުންނެވެ.
ފުރަތަމަ ކުއާޓަރއާ ޙިލާފަށް މެޗުގެ ދެވަނަ ކުއާޓަރ ދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެގޮތުން ބަނގްލަދޭޝުން ދެވަނަ ކުއާޓަރގައި ރާއްޖެއާއި އެއްވަރެއްގައި ޕޮއިންޓް ހިފެހެއްޓިއެވެ. ދެވަނަ ކުއާޓަރ ބަނގްލަދޭޝަށް ކާމިޔާބުކުރެވުނީ ރާއްޖެއަށްވުރެއް އެންމެ ޕޮއިންޓެއް އިތުރަށް ހޯދައިގެންނެވެ. އެއީ 34 ޕޮއިންޓް 33 ޕޮއިންޓުންނެވެ.
މެޗުގެ 3ވަނަ ކުއާޓަރ ފަށައިގެން ދިވެހި ޓީމުން ވަނީ އަލުން ލީޑު ނަގާފައެވެ. ތިންވަނަ ކުއާޓަރ ރާއްޖޭން ކާމިޔާބުކުރީ 56 ޕޮއިންޓް 50 ޕޮއިންޓުންނެވެ.

މެޗުގެ ފަހު ކުއާޓަރ ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މެޗު ކާމިޔާބުކުރުމަށް ދެ ޓީމުވެސް ދިޔައީ ގާތްގާތުގައި ޕޮއިންޓްތައް ހޯދަމުންނެވެ. ހަތަރުވަނަ ކުއާޓަރގެ ފުރިހަމަ ވަގުތު ހަމަވިއިރު 67 ޕޮއިންޓް 67 ޕޮއިންޓުން ދެޓީމުވެސް ވަނީ ހަމަހަމަވެފައެވެ.

ހަތަރު ވަނަ ކުއާޓާ ނިމުނުއިރު ދެ ޓީމުގެވެސް ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ކުޅުނު 5 މިނިޓުގެ ތެރޭގައި ބަނގްލަދޭޝުންވަނީ ރާއްޖެއަށް އެންމެ ޕޮއިންޓެއްވެސް ހޯދުމުގެ ފުރުސަތު ނުދީ 78 ޕޮއިންޓް 67 ޕޮއިންޓުން މެޗު ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނީ މުޙައްމަދު ޒިލާލެއެވެ. އޭނާ ވަނީ މި މެޗުގައި ރާއްޖެއަށް 21 ޕޮއިންޓް ހޯދައިދީފައެވެ. ބަނގްލަދޭޝް ޓީމުން އެންމެ ރަނގަޅަށް ކުޅުނީ އެޓީމުގެ ކެޕްޓަން އެމްޑީ ޝަމްސުޒަމާން ޙާންއެވެ. އޭނާ ވަނީ މި މެޗުގައި 30 ޕޮއިންޓް އެޓީމަށް ހޯދައިދީފައެވެ.

މި މުބާރާތުގައި ފިރިހެނުންގެ ޤައުމީ ބާސްކެޓްބޯޅަ ޓީމު ކުޅޭ ދެވަނަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ޤައުމުކަމަށްވާ ނޭޕާލާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން އާދިއްތަ ދުވަހު ހެނދުނު 9:45 ގައެވެ.

ފިރިހެނުންގެ ބާސްކެޓު ބޯޅަ އިވެންޓްގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިޔަށްގެންދާއިރު، މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެއެވެ. މި މުބާރާތުގައި ރާއްޖެއާއެކު ގްރޫޕް އޭގައި ހިމެނޭ ޤައުމުތަކަކީ ބަނގްލަދޭޝާއި ނޭޕާލެވެ. ގްރޫޕް ބީގައި ހިމެނޭ ޤައުމު ތަކަކީ ބޫޓާން، ސްރީ ލަންކާ އަދި އިންޑީއާއެވެ.