ވިޔަފާރި

ރާއްޖެއަށް މިހާތަނަށް އައި އެންމެ ބޮޑު ކްރޫޒްލައިނަރ 3000 ފަތުރުވެރިންނާއެކު މާލެ އަތުވެއްޖެ


ރާއްޖެއަށް މިހާތަނަށް އައި އެންމެ ބޮޑު ކްރޫޒްލައިނަރ 3000 ފަތުރުވެރިންނާއެކު މިއަދު މާލެ އަތުވެއްޖެއެވެ. މި ކްރޫޒްލައިނަރ ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

"ނޯރވެއިޖިއަން ޖޭޑް" ކިޔާ މި ކްރޫޒްލައިނަރ އަކީ ދުނިޔޭގެ ނަން މަޝްހޫރު ކުންފުނި 'ނޯރވެއިޖިއަން ކްރޫޒްލައިނަރ' ގެ އުފެއްދުމެކެވެ. އެ ކުންފުންޏަކީ ދުނިޔޭގެ ތިންވަނައަށް އެންމެ ބޮޑު ކްރޫސްލައިންތައް އޮޕަރޭޓްކުރާ ކުންފުނިވެސް މެއެވެ.

3000 ފަސިންޖަރުންގެ ޖާގައިގެ މި ކްރޫސްލައިނަރގެ ބޮޑު މިނުގައި 294 މީޓަރު ހުރެއެވެ. 15 ބުރިއަށް ފަރުމާކޮށްފައިވާ މި ކްރޫސްލައިނަރގައި 1000 އަށް ވުރެ ގިނަ ކޮޓަރި ހުރެއެވެ.

ކްރޫސްލައިނަރގެ ތިރީ ފަންގި ފިލާތައް ޚާއްސަކޮށްފައިވަނީ ކޮޓަރިތަކަށެވެ. މަތީ ފަންގިފިލާތަކުގައި ރެސްޓޯރެންޓާއި، ކްލަބް، ތިއޭޓަރ، ޖިމް އަދި މުނިފޫހި ފިލުވައިދޭ އެތައް ޚިދުމަތެއް ލިބެން ހުރެއެވެ. މީގެ އިތުރުން ހިތްހަމަޖައްސާލާ ވަރުބަލި ފިލުވާލުމަށް ސްޕާއަކާއި ތެރަޕިއުޓިކް ޕޫލްތައްވެސް ހުރެއެވެ. ކްރޫސްލައިނަރގެ އެންމެ މަތީ ފަންގިފިލާގައި ބޮޑު ސްވިމިންގ ޕޫލެއްވެސް ހުރެއެވެ.

މި ކްރޫސްލައިނަރ އަކީ މިހާތަނަށް ރާއްޖެ އައި އެންމެ ބޮޑު ކްރޫސްލައިނަރއަށް ވީނަމަވެސް މިއީ 'ނޯރވެއިޖިއަން ކްރޫސްލައިނަރ' އިން އުފައްދާ އެންމެ ކުޑަ ކްރޫސްލައިނަރއެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން "ނޯރވެއިޖިއަން ޖޭޑް" ގެ ކެޕްޓަން އިންގަރ ޝެލިން ވިދާޅުވީ މިއީ މިކުންފުނީގެ ކްރޫޒްލައިނަރ އެއް ރާއްޖެ އައި ފުރަތަމަ ފަހަރު ކަމަށާއި މިދަތުރު ވަރަށް ވެސް ފުރިހަމަކަމަށެވެ. އޭނާ ވިދާޅުވީ އަންނަ އޭޕްރީލް މަހުވެސް ރާއްޖެއަށް މި ކްރުޒްލައިނަރ އިން ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

ކްރޫސްލައިނަރތައް ރާއްޖެ ގެނައުމުގައި ޙަރަކާތްތެރިވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، (މާޔާ) ގެ ސެކްޓްރީ ޖެނަރަލް މުހައްމަދު ޢަލީ (ބަނީ) ވިދާޅުވީ މާޔާގެ އަބަދުވެސް މަޤްސަދަކީ ރާއްޖެ މާކެޓްކޮށް ކްރޫޒްލައިނަރ މެދުވެރިކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރު ކުރުންކަމަށެވެ.

ބަނީ ވިދާޅުވީ ކްރުސްލައިނަރތަކުން ރާއްޖެއަށް ލިބޭ އާމްދަނީއަކީ ވަރަށް ބޮޑު އެއްޗެއްކަމަށާއި މިހާރުވެސް ބޮޑެތި ކްރޫސްލައިނަތައް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. ރާއްޖޭގައި މިއަދު މަޑުކުރުމަށްފަހު މި ކްރޫޒްލައިނަރ ފުރުމަށް ހަމަޖެހިފައިވަނީ ކޮލޮމްބޯއަށެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް، (މާޔާ)އަކީ ރާއްޖެއަށް މަތީ ފަންތީގެ ކްރޫޒްލައިނަރ އާއި ޕެސެންޖަރ ލައިނަރ ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ކުންފުންޏެވެ.

މި ކުންފުނިން މިއަހަރުގެ ތެރޭ ރާއްޖެއަށް ބޮޑެތި ކްރޫޒްލައިނަރތައް ގެނެސްފައިވެއެވެ. މާޔާއިން ބުނީ އަންނަ އޭޕްރިލް މަހާ ހަމައަށް ކޮންމެ 2 ހަފްތާއަކުން 1 ހަފްތާއަކު ރާއްޖެއަށް ކްރޫސްލައިނަރތައް އަންނާނެކަމަށެވެ.