ޚަބަރު

ޓީއެމްއޭގެ އެއާޓެކްސީ ވެއްޓެން ދިމާވި ސަބަބު އަދި ސާފެއް ނުވޭ


ޓީއެމްއޭގެ މަތިންދާބޯޓެއް ފަދިއްޕޮޅު ކުރެއްދޫ ރިސޯޓު ކައިރިއަށް މިމަހުގެ ދެވަނަ ދުވަހު ވެއްޓުނު ހާދިސާގައި، ބޯޓު ވެއްޓެން ދިމާވީ ސީދާ ކޮން ސަބަބަކާހުރެ ކަމެއް އަދި ދެންނެވެން ނެތް ކަމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކުރައްވައިފިއެވެ.ބޯޓު ވެއްޓުނު ޙާދިސާގެ ތަޙުޤީޤާއި ގުޅޭ ގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ބޯޓު ވެއްޓުނު ޙާދިސާގެ ތަޙުޤީޤް ކުރިއަށް ދަނީ އެމްއެންޑީއެފްއާއި، ފުލުހުންނާއި، ސިވިލް އޭވިއޭޝަން އަދި ޓީއެމްއޭ ގުޅިގެން ކަމަށެވެ. އަދި މިހާތަނަށް ކުރެވުނު ތަޙުޤީޤުން ލިބިފައިވާ ހެކިތަކަށް ރިއާޔަތްކޮށް ބޯޓު ވެއްޓެން ދިމާވީ ސީދާ ކޮން ސަބަބަކާއި ހުރެ ކަމެއް ދެންނެވޭކަށް ނެތް ކަމަށެވެ. އަދި އެކްސިޑެންޓްގެ ތަޙުޤީޤަށް ބޭނުންވާ އިތުރު ހެކި ހޯދުމާއި ތަޙުޤީޤީ މަސައްކަތް ކަނޑުގެ އަޑީގައިވާ ބޯޓު ނުވަތަ ބޯޓުގެ ބައިތައް ނެގުމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް ބަޔާނުގައި ވިދާޅުވެފައިވެއެވެ.އެކްސިޑެންޓުގެ ތަޙުޤީޤްގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތަށް ބަލާއިރު، އެކްސިޑެންޓްގެ ތަޙުޤީޤީ ބޭނުމަށް އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާ ގޮތުގެ މަތިން އެކްސިޑެންޓުވީ ބޯޓުގެ ރެކޯޑުތައް މިހާރު ޗެއިން އޮފް ކަސްޓަޑީ ނުގެއްލޭ ގޮތަށް ކޮމިޓީގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އަދި އެމްއެންޑީއެފްގެ އެހީގައި އެކްސިޑެންޓުގެ މާހައުލުގެ ވީޑިއޯ ފޮޓޯގްރަފީ ހެކިތަކާއި އަދި ބޯޓުގެ ބައެއް ބައިތައް ރިކަވަރ ކުރެވި، މަތިންދާ ބޯޓުގެ ހުރިހާ ބައިތަކެއް ފަސިންޖަރުންގެ ލަގެޖުތައް ފިޔަވައި ތަޙުޤީޤަށް ބޭނުންވާ ހެކިތައް ތަޙުޤީޤް ކޮމިޓީއަށް  ޤަބޫލުކުރެވޭ  މިންވަރަކަށް ނަގައި ނިމެންދެން ހުންނާނީ ކޮމިޓީގެ ބެލުމުގެ ދަށުގައި ކަމަށް އެބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.މީގެ އިތުރުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާއި އިންޓަރވިއުކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެއެވެ. ޓީއެމްއޭގެ ބޯޓު ވެއްޓުނުއިރު ކްރޫއިންނާއެކު ބޯޓުގައި ސާދަ މީހަކު ތިބިއިރު އެ އެންމެވެސް ވަނީ ސަލާމަތްކޮށްފައެވެ.