ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި ތުރުކީން އެހީތެރިކަން ވެދެއްވާނެކަމަށް އެޤައުމުގެ އިންޓީރިއާ މިނިސްޓަރ ވިދާޅުވެއްޖެއެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރ ސުލޭމާން ޞޮއިލޫ މިހެން ވިދާޅުވީ، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މިބައްދަލުކުރެއްވުމުގައި ހޯމް މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަފުޅުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއްކަން ވަނީ ފާހަގަކުރައްވާފައެވެ. ވަކިން ޚާއްޞަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އިސްކަމެއްދީ، އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް، ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި ކުށްވެރިން އިޞްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ މުޙިއްމު ސިޔާސަތެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ތުރުކީގެ އިންޓީރިއާ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ ފުލުހުންގެ ޚިދުމަތް ފުޅާކޮށް ޖަލުތަކުގެ ހާލަތު ރަގަޅުކުރުމަށް ތުރުކީ ސަރުކާރުން އެހީތެރިކަން ދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މިއީ ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރުކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ.
ހޯމް މިނިސްޓަރގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސްޓޭޓް މިނިސްޓަރ އަލީ ނަޛީރުވެސް ވަނީ ތުރުކީއަށް ވަޑައިގެންފައެވެ. މި ދެ ބޭފުޅުންގެ ޝަރަފުގައި ތުރުކީގެ އިންޓީރިއަރ މިނިސްޓަރ ވަނީ މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއްވެސް ދެއްވާފައެވެ.