ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިންނަށް ކުރިމަތިވާ ދަތިތައް ޙައްލުކޮށްދިނުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެންވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތިރުވަނަންތަޕޫރަމްގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތިރުވަނަންތަޕޫރަމްގައި ހުންނަ ހޮޓެލް އެޕޯލޯގައި ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާއިބް ރައީސް ވިދާޅުވީ ކޮންމެ ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެޤައުމެއްގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތާބަޔަކަށް ދިވެހިން ވާންޖެހޭކަމަށެވެ. އަދި ދިވެހިންނަކީ ބޭރު ޤައުމެއްގައި ދިރިއުޅުނު ނަމަވެސް އެ ޤައުމެއްގެ ބަޔަކާ ގުޅިގެން ދިރިއުޅޭ ބައެއްކަން ވެސް ނާއިބް ރައީސް ފާހަގަކުރެއްވިއެވެ.
އިންޑިޔާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ފަސޭހައަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނަކަން ފާހަގަކުރައްވަމުން ނާއިބް ރައީސް ވަނީ އިންޑިޔާ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އިންޑިޔާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި ބޭސްފަރުވާއަށް އަންނަ ދިވެހިންނަށް ދިމާވާ ދަތި އުނދަގޫ މައްސަލަތައް ޙައްލުކުރުމަށް މި ސަރުކާރު ވެރިކަމަށް އައިފަހުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި ސަރުކާރު ދެމި އޮންނާނީ އަބަދުވެސް ރައްޔިތުންނަށް ދަތިވާކަންކަން ޙައްލުކޮށްދިނުމުގައިކަމަށާއި އެގޮތުން ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އިސްތިސްނާ ނުވާނެކަމުގެ ޔަޤީންކަން ނައިބު ރައީސް ވަނީ ދެއްވާފައެވެ.
ނާއިބް ރައިސްގެ ވާހަކަފުޅުގައި، ވަނީ ދަރިންނަށް ތަޢުލީމުދީ ތަރުބިއްޔަތު ކުރާއިރު ކާބަފައިންގެ ފަރާތުން ވާޞިލުވި ރިވެތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތަޢުލީމުދިނުމުގެ ތެރެއިން ދަރިންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމަށް އިސްކަމެއްދިނުމަށްވެސް ނާއިބް ރައީސް އިލްތިމާސްކުރެއްވިއެވެ.