ޖަޕާނަށް ރާއްޖޭގެ ތަރައްޤީއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަޝްވަރާކުރައްވައިފިއެވެ.
މިކަމާބެހޭގޮތުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މަޝްވަރާކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނުގެ އައު އެމްޕެރަރ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އެމަނިކުފާނުގެ ދެކަނބަލުން ދާދިފަހުން ޖަޕާނަށް ކުރެއްވި ދަތުރުފުޅުގައި ޖަޕާނު ސަރުކާރުން ބެހެއްޓެވި ގާތްކަމާއި ދެއްވި އެއްބާރުލެއްވުމަށް ޖަޕާނު ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ސަފީރާއި ރައީސުލްޖުމްހޫރިއްޔާ ވަނީ ޢިޔާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީއާއި އިޤްތިޞާދީ ދާއިރާއިން ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުގެ އެހީތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދެ ބޭފުޅުން ވަނީ ކުރިމަގުގައި ދެ ޤައުމުގެ ގުޅުން އިތުރުދާއިރާތަކުން ފުޅާކުރެއްވުމަށް މަސައްކަތްކުރައްވާނެކަންވެސް ހާމަކުރައްވާފައެވެ.
ޖަޕާނަކީ އެކި ދާއިރާތަކުން ރާއްޖެއަށް ގިނަ އެހީތަކެއް ވަމުން އަންނަ ޤައުމެކެވެ.