ޚަބަރު

އިރާބެހޭ ދިރާސާކުރާ ނާސާގެ އުޅަނދު އިރުގެ ބޭރު ފަށަލައިގެ މަތީ ބައިތަކާ ހަމަޔަށް ފޯރައިފި


އިރާބެހޭ ދިރާސާތައް ކުރާ ނާސާގެ އުޅަނދު ޕާކަރ ސޯލާ ޕްރޯބް އިން ފޮނުވާ އައު މަޢުލޫމާތުގެ އަލީގައި އިރުގެ ވަޔާ އަދި ފަޒާގެ މޫސުމާބެހޭ ގިނަ ކަންތައްތަކެއް ދެނެގަތުމުގެ ފުރުޞަތު ސައެންސްވެރިންނަށް ލިބިއްޖެއެވެ.

2018ވަނަ އަހަރު ނާސާއިން ޖައްވަށް ފޮނުވި އުޅަނދު އިރުގެ ވަށައިގެންވާ ބޭރު ފަށަލައިގެ މަތީ ބައިތަކަށް ވާޞިލުވުމުގައި ކާމިޔާބު ހޯދާފައިވާއިރު މިއީ އިންސާނުން އުފެއްދި އުޅަނދެއް އިރާ މިހާ ކައިރިއަށް ދިޔަ އެންމެ ފުރަތަމަ ފަހަރެވެ. ޕާކަރ ސޯލާ ޕްރޯބުން ފޮނުވާ ފޮޓޯތަކާއި މަޢުލޫމާތުގެ އަލީގައި ސައިންސްވެރިން ދެނެގަންނަން ބޭނުންވާ ކަންތައްތަކުގެ ތެރޭގައި އިރުން އާދަޔާ ޚިލާފު ހޫނުވައި އުފެދޭގޮތާއި އެ ވައި ފަޒާއަށް ފެތުރި އެއިން ޖައްވުގައިވާ ސެޓަލައިޓްތަކަށާއި ބިމުގައިވާ އިލެކްޓްރޯނިކް ނިޒާމުތަކަށް ކުރާ ނޭދެވޭ އަސަރުތައް ހިމެނެއެވެ. މީގެ އިތުރުން ފަޒާގެ މޫސުމާބެހޭ ކަންކަމުގައި އިރު އަދާކުރާ ދައުރާއި އިރުގެ ހަރަކާތްތަކުގެ ސަބަބުން ފަޒާގެ މޫސުމަށް އަންނާނެ ބަދަލުތައް ދެނެގަތުންވެސް ހިމެނެއެވެ.

އިރުގެ ހަރަކާތްތަކުގެ ސަބަބުން ދުނިޔެއަށް ކުރާ އަސަރުތައް ދެނެގަތުމަކީ ސައިންސްވެރިން ވަރަށް ކުރީއްސުރެ ދިރާސާކުރަމުންދާ ކަމަކަށްވާއިރު ނާސާގެ ސައިންސްވެރިއެއްކަމަށްވާ ނިކޮލާ ފޮކްސް ވިދާޅުވީ ޕާކަރ ސޯލާ ޕްރޯބް އިރާ ކައިރިވަމުންދާ ވަރަކަށް ކުރިން ނޭނގޭ ގިނަ އަދި ހައިރާން ކުރުވަނިވި މަޢުލޫމާތުތަކެއް ލިބިގެންދާނެކަމަށެވެ. އަދި އެ އުޅަނދުން ފޮނުވާ ފޮޓޯތަކާ ހައިރާން ކުރުވަނިވި މަޢުލޫމާތުގެ އަލީގައި އިރާ ގުޅޭގޮތުން ކުރިން ނޭނގޭ ގިނަ ކަންތައްތަކެއް ދެނެގަނެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔެއާ އެންމެ ގާތުގައިވާ ތަރިއަކީ އިރު ކަމަށްވާއިރު އިރަކީ ދުނިޔެއާ ގާތްގަނޑަކަށް ނުވަދިހަ 3 މިލިއަން ކިލޯމީޓަރު ދުރުގައިވާ ގޭހުގެ ބިޔަ ޖިސްމެކެވެ.