ޚަބަރު

އަމީންގެ މައްޗަށް ޓެރަރިޒަމްގެ 2 ދައުވާއެއްކުރުމަށް ކުރިނަލް ކޯޓަށް ފޮނުވައިފި


ހަނގުރާމަވެރި ޖަމާއަތްތަކުގައި ބައިވެރިވުމަށް ދިވެހިން ރެކްރޫޓްކޮށް، ހަނގުރާމަތަކަށް މީހުން ފޮނުވަމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އަމީންގެ މައްޗަށް ދައުވާ ކުރުމަށް ކުރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ފުވައްމުލަކު ސިޓީ، މާދަޑު، ކަރިއްޔާވިލާ، މުޙައްމަދު އަމީންއަކީ ގިނަ ދުވަސްވަންދެން ފުޅާ ދާއިރާއެއްގައި ރާއްޖެއިން ބޭރުގައި ހިންގާ ޓެރަރިސްޓް ޖަމާޢަތްތަކަށާއި، ހަނގުރާމަވެރި ޖަމާޢަތްތަކުގައި ބައިވެރިވުމަށް ރާއްޖެއިން މީހުން ރެކްރޫޓްކޮށް، ހަނގުރާމައަށް މީހުން ފޮނުވުމުގައި ޢަމަލީގޮތުން ބައިވެރިވެ، އެކަމަށް ހިތްވަރުދޭކަމުގެ ތުހުމަތު ކުރެވޭ މީހެކެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އަމީންގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވަނީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުމުގެ ދައުވާއެވެ.

ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހިން ފޮނުވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ މީހުން ރެކްރޫޓް ކުރުމުގައި ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި އަމީން ހައްޔަރުކޮށްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ މ. ވޯލްނަޓްގެ އިންނެވެ. އަމީންއަކީ ސަލްޓަން ޕާކުގައި ދިން ބޮމުގެ ހަމަލާއާއި ގުޅިގެންވެސް ފުލުހުން ހޯދި މީހެކެވެ. އަދި އޭނާ ހޯދުމަށް 2011 ވަނަ އަހަރުގެ ތެރޭގައި އިންޓަރޕޯލް މެދުވެރިކޮށް ރެޓްނޯޓިސްވެސް ނެރެފައިވެއެވެ.

މިއީ ޓެރަރިޒަމްގެ ޤާނޫނަސް މަޖިލީހުން ގެނައި އިސްލާހުތަކާއިއެކު ޓެރަރިޒަމްގެ ދައުވާއެއް މިޤާނޫނުގެ ދަށުން މީހެއްގެ މައްޗަށް ކުރެވޭ ފުރަތަމަ ފަހަރެވެ.