ކުޅިވަރު

ރާއްޖޭގެ ފުރަތަމަ 100 ކިލޯމީޓަރު އަލްޓްރާ މެރަތަން އާއި އެކު އައްޑޫ މެރަތަން ފަށައިފި


ރާއްޖޭގައި ހުޅުވާލެވިގެން ބާއްވާ ފުރަތަމަ އަލްޓްރާ މެރަތަން އާއި އެކު، އައްޑޫ މެރަތަން އިވެންޓުތަށް ފަށައިފިއެވެ.

އައްޑޫ މެރަތަންގައި މައިގަނޑު 7 ހަރަކާތެ ކުރިއަށް ދާނެއެވެ. އެގޮތުން 100 ކިލޯމީޓަރުގެ އަލްޓްރާ މެރަތަންގެ އިތުރުން، ފުލް މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރުގެ ދުވުމާއި ޓީމް އިވެންޓް، 5 ކިލޯމީޓަރުގެ ދުވުމާއި އެކު ނިންމާލުމުގެ ގޮތުން ކުޑަކުދިންގެ ދުވުމެއް ކުރިއަށް ދާނެއެވެ. މިއަދުން ފެށިގެން ހޮނިހިރު ދުވަހު ހަވީރާއި ހަމައަށް މެރަތަންގެ ހަރަކާތްތަށް ކުރިއަށް ދާނެއެވެ. މިފަހަރު އަލަށް ތަޢާރަފު ކުރި 100 ކިލޯމީޓަރުގެ އަލްޓްރާ މެރަތަންގައި 5 ދުވުން ތެރިން ދުވެއެވެ. އެއީ އިބްރާހިމް ސާއިދު، އާތިފް އިބްރާހީމް، އަހުމަދު އާތިފް، މުހައްމަދު ޝިނާޒް އަދި ލާލް ބަހާދުރުއެވެ.

އައިރަނާސްއިން ބުނެފައިވާ ގޮތުގައި، އަލްޓްރާ މެރަތަންގައި އައްޑޫގެ ގުޅިފައިވާ ރައްތަކުގެ ވަށާ އެކި ދިމާލުން ދުވުމަށް ހަމަޖެހިފައިވާ އިރު، މިއީ އައްޑޫގެ ރީތިކަން ދައްކުވައި މިފަދަ ކުޅިވަރުގެ ހަރަކާތްތަށް ޕްރޮމޯޓު ކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އައިރަނާސްއިން ބުނި ގޮތުގައި އަލްޓްރާ މެރަތަން އެންމެ އަވަހަށް ނިންމާ ފަރާތަށް ވެސް ގާތްގަނޑަކަށް 9 ގަޑި އިރު ދުވާނެއެވެ.

އައްޑޫ މެރަތަން ފަށާފައިވަނީ، މިއަދު ހަވީރު ނޫރާނީ ސްކޫލު ކުރިމަތިންނެވެ. މިއީ އައިރަނާސް އިން އަހަރުގެ ތެރޭގައި ކުރިއަށް ގެންދާ ޓްރެވެލް މެރަތަން ސީރީސްގެ އެންމެ ފަހު މެރަތަން ހަރަކާތެވެ. މެރަތަން ފެށުމަށްޓަކައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އައްޑޫސިޓީ މޭޔަރ އަބްދުﷲ ސޯދިޤް ވަނީ މެރަތަން ރޭހުގައި ދުވާ ފަރާތްތަކަށް ތަރުހީބު ދިނުމަށް ނިކުތުމަށް ގޮވާލާފައެވެ.