ދުނިޔެ

އައިއެސް ޖަމާއަތަކީ ބަލި ނުކުރެވޭނެ ޖަމާއަތެއް ނޫން- އޮބާމާ


އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސް ގެ ނަމުން ނަންދީފައިވާ ހައްދު ފަހަނަޅާފައިވާ ޖަމާއަތަކީ ބަލި ނުކުރެވޭނެ ޖަމާއަތެއް ނޫން ކަމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެއެވެ.އޮބާމާ ވިދާޅުވީ އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެމެރިކާގެ އެއްގަމު ސިފައިން އެއްވެސް ގައުމަކަށް ނުފޮނުވާނެ ކަމަށާ ނަމަވެސް އައިއެސް އާ ދެކޮޅަށް އެމެރިކާގެ ވައިގެ ސިފައިން ބޭނުންކުރަމުން ގެންދާނެކަމަށެވެ.އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރުންނާ ކުރެއްވި މަޝްވަރާތަކަކަށްފަހު އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި އޮބާމާ ވިދާޅުވީ އައިއެސް އަކީ މިފަހަކަށް އައިސް ބައިނަލްއަގްވާމީ އަމްނާއި ސަލާމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމަށެވެ.އައިއެސްގެ ނުރައްކަލާބެހޭގޮތުން ވާހަކަދައްކަވަމުން އޮބާމާ ވިދާޅުވީ މިއަހަރު ތެރޭގައި އިރާގާއި ސޫރިޔާގެ ސާޅީސް ސަރަހައްދަކުން އައިއެސްގެ ހަނގުރާމަވެރިން ފައްސާލެވިފައިވާއިރު އެޖަމާއަތަކީ ހަނގުރާމަކޮށްގެން  ބަލިކުރެވިދާނެ ޖަމާއަތެއްކަން ޔަގީންވެފައިވާ ކަމަށެވެ. ނަމަވެސް އައިއެސް ބަލިކުރުމަށް ދިގުމުއްދަތެއް ބޭނުންވާނެ ކަމަށާ ކައިރި މުސްތަގްބަލެއްގައި އެޖަމާއަތް ބަލިކޮށް ނައްތާ ނުލެވޭނެ ކަމަށްވެސް އޮބާމާ ވިދާޅުވިއެވެ.މިމޭރުމުން ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ އައިއެސް ބަލިކުރުމަށް އެމެރިކާ ބޭނުންވަނީ އެހެން ގައުމުތަކުގެ އެހީގައިކަމަށާ އަދި މިކަމުގައި އިސްލާމީ ގައުމުތަކުގެ އަސްކަރީ އެހީތެރިކަން ވަރަށް ބޮޑަށް އެމެރިކާ ބޭނުންވާ ކަމަށެވެ.އައިއެސް އާ ދެކޮޅަށް ހަނގުރާމަ ކުރުމުގައި އެމެރިކާގެ އެއްގަމު ސިފައިން ބޭނުން ނުކުރުމަށް އެމެރިކާ ނިންމާފައިވަނީ އެއީ އާރާބާރުގެ ގޮތުން އެމެރިކާއަށް ކެރިކުޅަދާނަ ވާވަރުގެ ކަމަކަށް ނުވެފައި އައިއެސްއާ ދެކޮޅަށް އެއްގަމު މަގުން ހަނގުރާމަކޮށްގެން އެމެރިކާގެ ގިނައަދަދެއްގެ ސިފައިން މަރުވުމުގެ ފުރްސަތު ބޮޑުކަމުން ކަމަށް ތަޖްރިބާކާރުން ބުނެއެވެ. އަދި އައިއެސްއާ ހަނގުރާމަކުރުމަކީ ބޮޑު ލޭއޮހޮރުވުމަކަށްވާތީ އެވަރުގެ ބޮޑު ނުރައްކަލަކާ ކުރިމަތިލުމަށް އެމެރިކާ ޖެހިލުންވާ ކަމަށްވެސް އަސްކަރީ ތަޖްރިބާކާރުން ދެކެއެވެ.އައިއެސްއަކީ އެމެރިކާ އާއި އިނގިރޭސިވިލާތުން އދ. އަށާއި ބައިނަލްއަގްވާމީ ގާނޫނުތަކަށް ގޮންޖެހުމަށްފަހު ދެހާސް ހަތަރު  ވަނަ އަހަރު އިރާގަށް އަރައިގަނެއެގައުމުގައި ހިންގާފައިވާ އަނިޔާވެރި އަމަލުތަކާ ގުޅިގެން ބަދަލުހިފުމުގެ ރޫހެއްގައި އުފެދިފައިވާ ޖަމާއަތެކެވެ.އައިއެސްގެ ނުރައްކާ މިއަދު މުޅި ބައިނަލްއަގްވާމީ މުޖްތަމައަށް ކުރިމަތިވެފައި ވީނަމަވެސް އެޖަމާއަތުގެ ޝިކާރައަކަށް އެންމެ ބޮޑަށް ވަމުންދަނީ މުސްލިމުންނެވެ. ޚާއްސަކޮށް އިރާގާއި ސޫރިޔާގެ ނިކަމެތި ރައްޔިތުންނެވެ.އައިއެސް އާއި ހަނގުރާމަކުރުމަށް ފަސްދޮޅަސް ގައުމު ހިމަނައިގެން އެމެރިކާ އިސްވެ އޮވެގެން އަސްކަރީ އެލަޔަންސެއް އެކުލަވާލައި އެ އެލަޔަންސްގެ ގައުމުތަކުގެ ވައިގެ ސިފައިން އައިއެސްގެ އަމާޒުތަކަށް ހަމަލާތައް ދެމުންގެންދާތާ އަހަރެއްހާ ދުވަސް ވެފައިވީނަމަވެސް އައިއެސް ބަލިކުރެވިފައެއް ނުވެއެވެ.އެމެރިކާއާއި އެމެރިކާގެ ބައިވެރިންގެ ޙަމަލާތަކުން އައިއެސްއަށް މާބޮޑު ގެއްލުމެއް ނުލިބޭއިރު އެޖަމާއަތް ބަލިކޮށްލުމުގައި އެމެރިކާ އާއި އެމެރިކާގެ ބައިވެރިން ވަނީ އަސްކަރީ ގޮތުން މުޅިން ނާކާމިޔާބު ވެފައެވެ.