ޚަބަރު

ކައުންސިލްތަކަށް މާލީ ބާރުވެރިކަންދިނުމަށް މަޖިލީހުން ފާސްކޮށްފި


ކައުންސިލްތަކަށް މާލީ ބާރުވެރިކަންދީ، ކައުންސިލްގައި 33 އިންސައްތަ އަންހެނުން ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މި އިޞްލާހުތައް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ އިއްތިފާޤުންނެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށައެޅި އިޞްލާހުތަކުގެތެރޭގައި ރަށުގެ އިޙްތިޞާސްގެ ތެރޭގައި ހިމެނޭ ވަސީލަތްތަކުން ލިބޭ އާމްދަނީގެ 40 އިންސައްތަ ކައުންސިލްތަކަށް ލިބުމާއި، މުނިސިޕަލް ޚިދުމަތްތަކުން ލިބޭ އާމްދަނީ އެއްްކޮށް ކައުންސިލްތަކަށް ދިނުން ހިމެނެއެވެ. އަދި ދައުލަތުގެ ބަޖެޓްގައި ހިމެނޭ ޑޮމެސްޓިކް ބަޖެޓުގެ 5 އިންސައްތަ ކައުންސިލްތަކަށް ދިނުމަށްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުން ފާސްކުރި ބަޖެޓުގައިވެސް ކައުންސިލްތަކަށް ދިނުމަށް 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ 2019ވަނަ އަހަރުގެ ބަޖެޓުގައި ފާސްކުރި 656 މިލިއަން ރުފިޔާއަށްވުރެ 2.4 ގުނަ އިތުރު އަދަދެކެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކުގެ ތެރޭގައި ފަސް މިލިއަން ރުފިޔާއިން ދަށުގެ މަޝްރޫޢުތައް ހިންގުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ. އަދި އަމިއްލަ ނަމުގައި ވިޔަފާރިކުރުމާއި ރަށުގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއްކުރުމުގެ ބާރު ކައުންސިލްތަކަށް ވަނީ ދީފައެވެ.
މިބާރުތައް ކައުންސިލްތަކަށް ދިންނަމަވެސް އެ ބާރުތައް ނަހަމަގޮތުގައި ބޭނުންކޮށްފިނަމަ ފިޔަވަޅު އެޅުމުގެ ބާރު ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ވަނީ ދީފައެވެ. އެގޮތުން ކައުންސިލަރުންގެ މައްޗަށް ޤާނޫނުން މަތިކޮށްފައިވާ ޒިންމާއަށް އިހުމާލުވެ ކައުންސިލްގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމާއި، ޤާނޫނާއި ޚިލާފު ކަމެއްކޮށްފިނަމަ އެމައްސަލަ ބެލުމަށް އެލްޖީއޭއިން އިންކުއަރީއެއް އެކުލަވާލަންޖެހޭނެއެވެ. އަދި އެ ކުށެއްކުރި ކައުންސިލަރަކަށް ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިދީފައިވާއިރު، އެ ކައުންސިލަރަކާއިމެދު އެޅި ފިޔަވަޅުވެސް ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންޖެހެއެވެ.
މި އިޞްލާހު ދިރާސާކުރި ކޮމިޓީން ވަނީ ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ދީފައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން ގެނައި އިސްލާހުގައި ވަނީ ކައުންސިލަރުންނަށް ފިޔަވަޅު އެޅޭނީ އެލްޖީއޭއަށް ކަމަށެވެ.

މީގެ އިތުރުން 60،000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ ސިޓީތަކުގައި 19 ކައުންސިލަރުން ތިބޭގޮތަށްވެސް ޤާނޫނަށް ވަނީ ބަދަލުގެނެސްފައެވެ. އެހެންކަމުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބުކުރަންޖެހޭނެއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިޞްލާހުތަކުގެތެރޭގައި ކައުންސިލްތަކުގައި 33 އިންސައްތަ އަންހެނުންވެސް ހިމެނުމަށްވެސް ވަނީ ލާޒިމްކޮށްފައެވެ.
މީގެ އިތުރުން ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެލްޖީއޭގެ ބޯޑުގައި ހިމެނޭ މެމްބަރުންގެ އަދަދު ފަހަކުން ނުވައަކަށް އިތުރުކުރުމަށްވެސް ވަނީ ފާސްކޮށްފައެވެ.