ޚަބަރު

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ސަމީރު ޢައްޔަންކޮށްފި


ހައިކޯޓްގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ މެމްބަރު ކަމަށް އެކޮމިޓީގެ ފަނޑިޔާރު ޢަލީ ސަމީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް މިއަދު ޢައްޔަން ކުރައްވައިފިއެވެ.

އަލްއުސްތާޛު ޢަލީ ސަމީރު އެމަޤާމަށް ރައީސުލްޖުމްހޫރިއްޔާ މި ހަމަޖެއްސެވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ނ) އާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 3 ވަނަ މާއްދާގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ހައިކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، އަލްއުސްތާޛު ޢަލީ ސަމީރު، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. އަލްއުސްތާޛު ޢަލީ ސަމީރަށް ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް ޢައްޔަން ކުރެއްވި ކަމުގެ ލިޔުން، ރައީސުލްޖުމްހޫރިއްޔާ، އަލްއުސްތާޛު ޢަލީ ސަމީރާ ވަނީ ޙަވާލުކުރައްވާފައެވެ.