ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މަޖިލީހުގެ މެންބަރުން ހާމަކޮށްދޭން ރައީސް ނަޝީދު އެދިވަޑައިގެންފި


އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން ފައިސާ ލިބުނު މެމްބަރުން ވިހާވެސް އަވަހަށް ރައްޔިތުންނަށް ހާމަކޮށްދިނުމަށް ރިޔާސީ ކޮމިޝަންގައި އެދިވަޑައިގެންފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރައީސް ނަޝިދު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތުކުރެވޭ މެންބަރުންގެ ނަންތައް ހާމަނުކުރާހާ ހިނދަކު އެ ތުހުމަތު ހުރިހާ މަޖިލީހުގެ މެންބަރުންގެ މައްޗަށްވެސް ކުރެވޭކަމަށެވެ.

ބަޖެޓު ބަހުސް މަރުހަލާގައި އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މަޖިލީހުގެ މެންބަރުން ޝާމިލްވާކަމަށް މެންބަރަކު ފާހަގަކުރެއްވުމާއި ގުޅިގެން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އެ ޚިޔާނާތުގައި ޝަމިލްވަނީ ކޮން މެންބަރުންނެއްތޯ ސާފުކުރުމަށް އެސެޓް ރިކަވަރީ ކޮމިޝަންގައި އެދިފައިވާނެކަމަށެވެ. އަދި އެ ކޮމިޝަންގެ ތަޙުޤީޤް ނިމިމ ދައުވާކުރަން ކޮމިޝަނަށް ފެންނަ ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ވީހާވެސް އަވަަހަށް ފޮނުވާނެކަމަށް އުއްމީދުކުރައްވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުންގެ މައްޗަށްވެސް ޚިޔާނާތުގެ ތުހުމަތުކުރެވޭއިރު އެއީ ކޮން މެންބަރުންނެއްކަން ރައްޔިތުންނަށް ސާފުވެފައި ނެތުމަކީ އޭގެ ތުހުމަތު 87 މެންބަރުންނަށްވެސް ރައްދުވާކަމެއްކަމަށެވެ.

ރައީސް ނަޝިދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތައް ބަންޑާރަ ނާއިބުގެ އޮފީހަށާއި، ފުލުހުންނަށާއި، ރިޔާސީ ކޮމިޝަނަށްވެސް އެނގޭނެކަމަށެވެ.

"މީގައި ސާފު ސާދާކޮށް ތިއްބެވި މެންބަރުން ގޮތް ނުތަނަވަސްވާނެ މިކަން ސާފްނުވެ އޮތްހާ ހިނދަކު. އަޅުގަނޑު ގެއްލިފައިވާ ފައިސާ ހޯދާ ކޮމިޝަންގެ ކިބައިން ވަރަށް އަދަބުވެރިކަމާއި އިޚްލާސްތެރިކަމާއެކު އެދެން އަދި ފުލުސް އޮފީހުގައިވެސް އެދެން އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުންވެސް އެދެން އެމްއެމްޕީއާރުސީގެ ފައިސާގައި ޖެހިފައިވާ އެންމެހާ ފަރާތްތަކާ ގުޅޭގޮތުން ދައުވާއުފުލާދޭށޭ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ ބޭރުގެ ފަރާތްތަކާއި ގުޅިގެން މިހާތަނަށް ހޯދި ހޯދުންތަކުން ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ ދެ ފޯނާއި ލެޕްޓޮޕް އެމްޑީޕީއަށް ލިބުމާއި ގުޅިގެން އެތަކެތި ފޮރެންސިކް އެކައުންޓެންޓަކާއި ހަވާލުކުރިކަމަށެވެ. އަދި އެ ފޮރެންސިކް އެކައުންޓެންޓުގެ ރިޕޯޓް ބަންޑާރަ ނާއިބާއި އެޕާޓީގެ ފަރާތުން ހަވާލުކުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

"އެކޮމިޝަނުން އެމީހުންގެ އަޑީ ކާޑު ނަމްބަރުވެސް ހޯދަލަން ނުޖެހޭނެ. އެހާވަރަށްވެސް އެ މަސައްކަތްވަނީ ނިމިފައި. 73 ހާސް ޓެކްސްޓް އޭގައި ހިމެނޭ. އެ ހުރިހާ ޓެކްސްޓް ވަކިން ލިޔެވި އިނގިރޭސިބަހަށް ތަރުޖަމާކުރެވި އޭނާއަކީ ކާކުތޯ މި ފޯން ނަންބަރަކީ ކާކުތޯ މި ޓެކްސްޓް އެދިޔައީ ކާކަށްތޯ މުޅިންސާފްވެ މަޖިލީހުގެ ކޮންކޮން އިއްޒަތްތެރި މެންބަރުންނެއްގެ ފޯން ކޯލްތަކަށްތޯ ޓެކްސްޓްތައް ދިޔައީ، ކޮންކޮން މެބަރުންނެއްތޯ ކުރީގެ ނާއިބު ރައީސްއާއި މުޢާމަލާތްކުރީ. މި ހުރިހާ މަޢުލޫމާތަކީ ވަރަށް ސަފްކޮށް އެނގެންއޮތް މަޢުލޫމާތު." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝިދު ވިދާޅުވީ މިހުރިހާ މަޢުލޫމާތު ހޯދިފައިވާއިރު މި މައްސަލާގައި ދައުވާނުކޮށް ލަސްވާންޖެހޭ ސަބަބެއް ނެތްކަަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރަކު ހިމެނޭކަމަށް ރިޔާސީ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.