ޚަބަރު

މާލޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމުގެ މަސައްކަތުގެ ބޮޑުބައި ވަނީ ނިމިފައި - ޔުމްނާ


މާލޭ ހުކުރު މިސްކިތް ވޯލްޑް ހެރިޓޭޖް ލިސްޓްގެ ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތުގެ ބޮޑު ބައި ވަނީ ނިމިފައިކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޔުމްނާ ވިދާޅުވީ، ހުކުރު މިސްކިތާއި ގުޅޭ ތާރީޚީ މަޢުލޫމާތު އެއްކޮށް، ކުރަންޖެހޭ ދިރާސާތައް ކޮށްފައިވާކަމަށެވެ. އަދި ދާދިފަހުން އެކަމަނާ ޔުނެސްކޯގެ ޓީމާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައިވެސް މިކަމަށް ޙާއްސަ އަހަންމިއްޔަތުކަމެއް ދެއްވާފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ހުކުރު މިސްކިތަކީ ދުނިޔޭގެ އެހެން ބިނާތަކާ ތަފާތު ބިނާއެއްކަން ސާބިތުކޮށް މި ލިޔެކިޔުންތަށް ޔުނެސްކޯއަށް ހުށަހެޅުމުގެ މަސައްކަތްކުރަމުންދާކަމުގައި މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

" މާލޭ ހުކުރު މިސްކިތް ވޯލްޑް ހެރިޓެޖް ލިސްޓެގެ ދާއިމީ ލިސްޓަށް ލުމައްޓަކައި ހުށަހަޅަންޖެހޭ ލިޔެކިޔުންތަކެއްގެ ބޮޑު ބައެއްގެ މަސައްކަތް ވަނީ ނިމިފައި. ހުކުރު މިސްކިތާއި ގުޅޭ ތާރީޚީ މަޢުލޫމާތު އެއްކޮށް، ކުރަންޖެހޭ ދިރާސާތަށް ވަނީ ކޮށްފައި. މިކަން އަޅުގަނޑުގެ ދަތުރުގައިވެސް މަޝްވަރާކޮށްފައިވާނެ." މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

މާލޭ ހުކުރު މިސްކިތުގެ މުންނާރާއި ފެންވަޅުތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ފެށުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ވިދާޅުވީ، ކުރީ ސަރުކާރުން ރާއްޖޭގެ އާސާރުތަކާއި ތަރިކަތަށް ހިމާޔަތްކުރުމަށް އެކަށޭނަ މަސައްކަތްތަކެއް ކޮށްފައިނުވާކަމަށެވެ. އަދި އެކަމުގެ ސަބަބުން މި އާސާރުތަކަށް ގެއްލުންވެފައިވާކަން މިނިސްޓަރ ޔުމްނާ ވަނީ ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޔުމްނާ ވަނީ މި ސަރުކާރުން ހުކުރު މިސްކިތްފަދަ ދިވެހިންގެ ތަރިކައާއި އާސާރުތައް ހިމާޔަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން މި ފަދަ އާސާރުތައް ހިމާޔަތްކުރުމަށް ވަކި ޤާނޫނެއް އުފައްދާ ޤާނޫނީ ބާރުވެރިކަން ލިބުމަކީ، މާލޭ ހުކުރު މިސްކިތް ވޯލްޑް ހެރިޓެޖް ލިސްޓެގެ ދާއިމީ ލިސްޓަށް ލުމަށް ލިބުނު އިތުރު ބާރެއްކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހިރިގަލުން އިމާރާތްކޮށްފައިވާ މަދު މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މިސްކިތް ހިމެނޭހެން ރާއްޖޭގެ 6 މިސްކިތެއް ވޯލްޑް ހެރިޓެޖް ލިސްޓެގެ ވަގުތީ ލިސްޓުގައި މިހާރުވެސް ހިމެނިފައިވެއެވެ.

މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ އިސްލާމީ ވަޙުދަތާއި، ދިވެހީންގެ ހުނަރުވެރިކަމާއި ފަންނުވެރިކަން ދައްކުވައިދޭ އެންމެ ދުވަސްވީ އެއް ބިނާއެވެ. އައްސުލްޠާން އިބްރާހީމް އިސްކަންދަރު 1 ގެ އަމުރުފުޅަކަށް މީލާދީން 1656 ގައި ބިނާކުރެވުނު މި މިސްކިތަކީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ނުފެންނަ ފަދަ ހިރިގަލުގެ ފުރިހަމަ މަސައްކަތް ފެނިގެންދާ ބިނާއެކެވެ.