ޚަބަރު

ދަރިވަރުންނަށް ކޯޑްކުރަން ދަސްކުރުމުގެ ފުރުޞަތު ފަހިކުރުމަށް "ކޯޑް ކްލަބް މޯލްޑިވްސް" އިފްތިތާޙްކޮށްފި


ރާއްޖޭގެ ސްކޫލްތަކުގެ ފުރާވަރުގެ ދަރިވަރުންނަކީ ކޯޑުކުރަން އެނގޭ ބަޔަކަށް ހެދުމަށްޓަކައި "ކޯޑް ކްލަބް މޯލްޑިވްސް"ގެ ނަމުގައި ޚާއްސަ ޖަމްޢިއްޔާއެއް އިފްތިތާޙްކޮށްފިއެވެ.

ކޯޑް ކްލަބް މޯލްޑިވްސް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް އެވެ.

ދުނިޔޭގެ ސަތޭކަ ފަސްދޮޅަހަކަށް ޤައުމުގައި ހަރަކާތްތެރިވާ ކޯޑިން ނުވަތަ ޕްރޮގްރާމިންގެ 13000 ތަފާތު ޖަމިއްޔާއެއްގެ މަސައްކަތްތަކާއި ގުޅުވާލެވޭ ކޯޑް ކްލަބް މޯލްޑިވްސްއަކީ ސްކޫލް އުމުރުފުރާގެ ކޮންމެ ކުއްޖަކީ ޕްރޮގްރާމްކުރުމުގެ ފުރުޞަތު ލިބިފައިވާ ކުއްޖަކަށް ހެދުމަށް މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީން ހިފާފައިވާ އަމާޒަށް ވާސިލުވުމަށް މަގުފަހިކުރުމުގެ މަޤްޞަދުގައި އުފެއްދި ޖަމިއްޔާއެކެވެ.

ކޯޑް ކްލަބް މޯލްޑިވްސް އިފްތިތާޙްކޮއްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙް ޖަމާލް ވިދާޅުވީ، ދިވެހި ޒުވާނުންގެ މެދުގައި ޓެކްނޮލޮޖީގެ ތައުލީމު ފުޅާކޮށް އެދާއިރާއަށް މީހުން ތަމްރީނުކުރުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭކަމެއްކަމަށާއި، ކޯޑް ކަލަބް މޯލްޑިވްސް އިފްތިތާޙްވެގެންދިއުމަކީ އެމަސައްކަތުގެ ފެށުމެއްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ މެނިފެސްޓޯގައި ޑިޖިޓަލްރެޑީ ވޯކްފޯސްއެއް ރާއްޖޭގައި ޤާއިމްކުރުމުގެ ވާހަކަ ހިމަނާފައިވާނެކަމަށާއި، މިއާއެކު ރާއްޖޭގެ ސްކޫލްތަކުގައި ސްޓެމް ލެބްވެސް ޤާއިމްކުރުރެވިގެންދާނެ ކަމަށެވެ. އަދި ދިވެހި ޒުވާނުންނަކީ ޓެކްނޮލޮޖީއަށް އަހުލުވެރިބައެއްގެ ގޮތުގައި ހެދުމުގެ އިތުރުން ޑިޖިޓަލް ސޮސައިޓީއަކާ ދިމާލަށް ރާއްޖެ ގެންދެވޭނީ އަންނަން އޮތް ޖީލަށް ޑިޖިޓަލް ތައުލީމު ނުވަތަ ޕްރޮގްރާމިންގ ލޭންގުއޭޖްތައް ދަސްކޮށްދެވިގެންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުގެ އަމާޒަކީ ދިވެހި ޒުވާން، ސްކޫލްފުރާވަރުގެ ކޮންމެ ކުއްޖަކީ ކޯޑުކުރަން އެނގޭ ކުއްޖަކަށްހެދުން. އެއަމާޒަށް ވާސިލުވުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް މިފަށައިގަތީ. އިރާދަކުރެއްވިޔާ އަޅުގަޑުމެންގެ އުންމީދަކީ އަންނަ އަހަރު ރާއްޖޭގެ ކޮންމެ ރަށެއްގައި ކޯޑް ކްލަބް އޮފް މޯލްޑިވްސްގެ ބްރާންޗެއް ހުރުން" މިނިސްޓަރ މަލީޙް ޖަމާލް ވިދާޅުވިއެވެ.

ކޯޑް ކްލަބަކީ މޯޑްޑިވްސްގެ ތަމްރީނުތައް ކުރިއަށްދާނީ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީގެ މުވައްޒަފުން ރަށްރަށަށްގޮސް ކިޔަވައިދިނުމުގެ ބަދަލުގައި އެފަދަ މަސައްކަތްތަކަށް ޝައުގުވެރިވާ ވޮލެންޓިއަރުން ބޭނުންކޮށްގެން ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ވޮލެންޓިއަރުންނަށް މިމަސައްކަތުގައި ހަރަކާތްތެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މިހާރު ހުރި ކޯޑްކްލަބްތަކަށްވެސް އެ މިނިސްޓްރީއާ ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.

ސްކޫލް ފުރާވަރުގެ ދަރިވަރުންގެ ވިސްނުމާއި އުފެއްދުންތެރިކަމަށް އިންޤިލާބީ ބަދަލުތަކެއްގެނައުމަށް ކުރާ މަސައްކަތްތަކުގެ ދަށުން އަންނަ އަހަރުވެގެންދާނީ ޕްރޮގްރާމްކުރުމަށް ދަރިވަރުން ޝައުގުވެރިކުރުމަށް ވީހާވެސް ގިނަ ބަޔަކު ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރެވިގެންދާނެ އަހަރަކަށްކަމަށް ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ވިދާޅުވެއެވެ.