ޚަބަރު

2021 ވަނަ އަހަރު ހުރިހާ މިސްކިތެއްގައި އެސީ ހަރުކުރުމުގެ މަސައްކަތް ނިމޭނެ


2021 ވަނަ އަހަރު ރާއްޖޭގެ ހުރިހާ މިސްކިތެއްގައި އެސީ ހަރުކުރުމުގެ މަސައްކަތް ނިމޭނެކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ މިސްކިތްތައް އޭސީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާޗުމަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ވިދާޅުވީ 2 އަހަރާއި ބައިގެ ތެރޭގައި ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް ނިމޭނެކަމަށެވެ. އަދި އެމަސައްކަތް ނިމޭއިރު ރަށްރަށުގައި ހުރި ބޮޑެތި މިސްކިތްތަކުގައި އަންހެނުންނަށް ފަސޭހައިން ނަމާދުކުރުމުގެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ވުޞޫކުރެވޭނެ އިންތިޒާމާއި ފާޚަނާކުރެވޭނެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިސްކިތްތައް އެސީކުރުމުގެ މަޝްރޫއު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ އޭސީކޮށްފައިވަނީ ފ.ދަރަނބޫދޫގެ މިސްކިތެވެ. އޭގެފަހުން އިތުރު މިސްކިތްތައް އޭސީކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަަމަށް އިސްލާމިކް މިނިސްްޓްރީން ވިދާޅުވެއެވެ.

މިސްކިތްތައް އޭސީކުރުމުގެ އިތުރުން ޢިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ރާއްޖޭގެ މިސްކިތްތައް އޭސީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 10 މިސްކިތެއްގައި އޭސީ ހަރުކުރުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތަށް ވަނީ 15 މިލިޔަން ރުފިޔާ ކަނޑައަޅާފައެވެ. ސަރުކާރުގެ އަމާޒަކީ 2023 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ މިސްކިތްތަކުގެ ތެރެއިން މަދުވެގެން 80 އިންސައްތަ މިސްކިތްތަކުގެ އޭސީއަށް ބޭނުންކުރާ ހަކަތައަކީ ޢީޢާދަކުރަނިވި ހަކަތައަށް ހެދުމެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަސަތޭކައަށްވުރެ ގިނަ މިސްކިތް ބިނާކޮށްފައިވާއިރު، މީގެތެރެއިން އޭސީކޮށްފައިވަނީ 218 މިސްކިތެވެ.