ސިޔާސީ

ސިޓީ ކައުންސިލުގެ ބާރުތައް ހަނިކުރުމަށް މަޖިލީހުން ފާސްކޮށްފި


މާލޭ މަގުތަކާއި، ޕާކުތަކާއި މައިދާންތައް ބެލެހެއްޓުން ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށްފަހު އެކަމާގުޅޭގޮތުން މަޖިލީހަށް ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.މާލޭ ސިޓީ ކައުންސިލުން ހިންގަމުން އައި ބައެއް މަސައްކަތްތައް ހައުސިން މިނިސްޓްރީގެ އާންމު ޚިދުމަތްތަކާ ބެހޭ ބަޔަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ 18 ވަނަ ދުވަހުއެވެ. އަދި އެމައްސަލަ ދިރާސާކުރުމަށް ކޮމިޓީއަކަށް ފޮނުވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގެ ފަންސަވީސްވަނަ ދުވަހުގައެވެ.މާލޭ ސިޓީ ކައުންސިލުގެ ދަށުން ހައުސިން މިނިސްޓްރީއަށް ބަދަލުކުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އެކި ބޭނުންތަކަށް ވަގުތީ ގޮތުން މަގު ބަންދުކުރުމާއި މަގުތަކާއި ޕާކްތަކާއި ހުސްބިންތައް ކުނިކަހާ ސާފުކޮށް ބެލެހެއްޓުމާއި މަގުތަކާއި ޕާކާއި މައިދާންތަކާއި ހުސްބިންތައް ދިއްލާ އަލިކުރުމާއި މާރުކޭޓްތައް ބެލެހެއްޓުމެވެ. އަދި މާލޭގެ ހުޅަނގު ދެކުނު ބަނދަރު ސަރަހައްދު ސާފުކޮށް ބެލެހެއްޓުމާއި ޕާކިން ޒޯންތައް ފާހަގަކުރުމާއި ޓްރެފިކް ނިޝާންތައް ހަރުކުރުމާއި ކަފިހި ހުރަސްތަކާއި ދުވެލިމަތަ ހަދައި ދަވާދު ލުމަކީވެސް ހައުސިން މިނިސްޓްރީގެ ކަމެއް ކަމަށް ސަރުކާރުންވަނީ ހަމަޖައްސާފައެވެ.މީގެ އިތުރުން ކުނި އުކާލުމުގެ ޚިދުމަތާއި ގަބުރުސްތާން ބެލެހެއްޓުމާއި މަގުތައް މަރާމާތު ކުރުމާއި ކާނުތައް ސާފުކުރުމާއި އެކި ބޭނުންތަކަށް މަގުތައް ބަންދުކުރުމުގެ ހުއްދަ ދިނުމާއި ފަޅުތެރެ ސާފުކޮށް ބެލެހެއްޓުމާއި މާލޭ ފަޅުތެރެއިން ފައްތިޔާ ދޫކުރުމާއި ފީ ބަލައިގަތުން ވެސް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައެވެ.